ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ތިން ވަނަ ކުއާޓާގެ ސާފު ފައިދާ 95 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި އަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 77 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ދެވަނަ ކުއާޓާގެ ސާފު ފައިދާއާ އަޅާ ބަލާއިރު 25 ޕަސެންޓުގެ އިތުރުވުމެކެވެ.
މި މަހުގެ 28 ވަނަ ދުވަހު އެފަރާތުން އާއްމުކޮށްފައިވާ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން ޓެކްސް އަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ވަނީ ފައިދާގެ ގޮތުގައި 112 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ ދެވަނަ ކުއާޓަރުގައި ލިބުނު 92.8 މިލިއަން ރުފިޔާ އަށް ވުރެ ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ޓެކްސް އަށް ކެނޑުމުން ތިންވަނަ ކުއާޓަރުގައި 95 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް ލިބިފައިވާއިރު މިއީ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 76.6 މިލިއަން ރުފިޔާ އަށް ވުރެ 18.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ތިންވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ވަނީ ޖުމްލަ 2.2 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފަ އެވެ. އެއީ، ދެވަނަ ކުއާޓަރުގައި 2.3 ބިލިއަން ރުފިޔާ އަށް ވުރެ ދަށް އަދަދެކެވެ. އޭގެ ސަބަބަކީ، ތެލުގެ ބާވަތްތަކުން ލިބުނު އާމްދަނީ ދަށްވުމުން ކަމަށް އެފަރާތުން ނެރެފައިވާ މާލީ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ތިންވަނަ ކުއާޓާގައި އެސްޓީއޯ ފައިދާ އިތުރުވެފައިވާއިރު މި އަހަރުގެ ތިން ކުއާޓާގެ ފައިދާ އެއްކޮށްލުމުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ އަށް ވުރެ 30 ޕަސެންޓް އިތުރުވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯއިން ބުނީ މި ކުއާޓާގެ ފައިދާ އެ ކުންފުނިން އިތުރުވެފައި ވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިފްކޯ އަށް 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ފަހު ކަމަށެވެ.އަދި އެ ކުންފުނީގެ ސާފު ފައިދާ ތިން ވަނަ ކުއާޓާގައި އިތުރު ވެފައި ވަނީ ހަރަދުތައް ކުޑަ ކުރުމުގެ ސަބަބުންކަމަށްވެސް އެފަރާތުން ނެރުނު ރިޕޯޓްގައި ވަނީ ބުނެފައިވެއެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!