އަންނަ 2023 ވަނަ އަހަރުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓާ ގުޅޭ ސާކިއުލާގައި ވަނީ ސަރުކާރުން ދޭ "ބްލޮކް ގްރާންޓް" ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ވަކިވަކި ކައުންސިލްތަކަށް ދޭން ލަފާ ކުރާ އެހީގެ އަދަދުތައް ހިމަނާފައެވެ.

Ad
rt

މި އެހީގެ އެންމެ ބޮޑު އިންސައްތައެއް ދޭން ހިމަނާފައި ވަނީ ހަތަރު ސިޓީ ކައުންސިލަށެވެ. މިގޮތުން ކައުންސިލްތަކަށް ދިނުމަށް ލަފާކޮށްފައިވާ ޢަދަދުތަކަކީ:

  • މާލެ ސިޓީ ކައުންސިލަށް 166 މިިލިއަން ރުފިޔާ
  • އައްޑޫ ސިޓީ ކައުންސިލަށް 75 މިލިއަން ރުފިޔާ
  • ފުވައްމުލަކު ސިޓީ ކައުންސިލަށް 48 މިލިއަން ރުފިޔާގެ
  • ކުޅުދުއްފުށި ސިޓީ ކައުންސިލަށް 36 މިލިއަން ރުފިޔާ

މީގެ އިތުރުން ހިލޭ އެހީ އެންމެ ގިނައިން ދިނުމަށް ކަނޑައަޅާފައިވާ ރަށު ކައުންސިލްތަކަކީ،

  • ގދ ތިނަދޫ ކައުންސިލް: 25 މިލިއަން ރުފިޔާ
  • ލ.ގަމު ކައުންސިލް: 20.2 މިލިއަން ރުފިޔާ
  • ޅ. ނައިފަރު ކައުންސިލް: 19.9 މިލިއަން ރުފިޔާ
  • ރ. ދުވާފަރު ކައުންސިލް: 16 މިލިއަން ރުފިޔާ
  • ހއ. ދިއްދޫ ކައުންސިލް: 15 މިލިއަން ރުފިޔާ
  • ކ. މާފުށި ކައުންސިލް: 15 މިލިއަން ރުފިޔާ
  • ގއ. ވިލިނގިލި ކައުންސިލް: 15 މިލިއަން ރުފިޔާ

މި އަދަދުތައް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި މިވަނީ ކައުންސިލްތަކުގެ 2023-2025 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު އެވެ. އެ ފުރުސަތުގެ ސުންގަނޑި އަންނަ މަހު ހަމަވާނެއެވެ.

މިއަހަރު ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ބަޖެޓުން ދޭން ހިމަނާފައި ވަނީ 1.5 ބިިލިއަން ރުފިޔާ އެވެ. މީގެތެރެއިން 850 މިލިއަން ރުފިޔާގެ އެހީ ވަނީ މިދިޔަ މަހުގެ ނިޔަލަށް ކައުންސިލްތަކަށް ދޫކޮށްފަ އެވެ.

މި ސަރުކާރުގެ ވަޢުދާއެއްގޮތަށް ލޯކަލް ކައުންސިލްތައް މާލީގޮތުން ބާރުވެރިކޮށް، ހިންގުން ފަސޭހަ ކުރުމަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ ބަދަލުތަކާއެކު ކައުންސިލްތަކަށް އަންނަނީ މަދަދުވެރިކަން ފޯރުކޮށް ދެމުންނެވެ.