ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް، އިތުރު ލޯނެއް ނެގުމަށްވުރެއް ޓެކްސް ބޮޑުކުރުން ރަނގަޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މުޅި ދުނިޔޭގެ ގައުމު ތަކަށް ދިމާވެފައިވާ އިޤްތިސާދީ ފުންގަނޑުން އަދި ރާއްޖެ އަށްވެސް ދިމާވެދާނެ އުނދަގޫތަކުން އަރައިގަތުމަށް ސަރުކާރުން މިވަގުތު ޓެކްސް އަށް ބަދަލު ގެނައުމަކީ މިވަގުތަށް ކޮންމެހެން އަޅަންޖެހޭ މުހިއްމު ފިޔަވަޅެއްކަމުގަ އެވެ.

Ad
rt

ރާޢީ އިތުރަށް ވިދާޅުވީ، މިސަރުކާރުން މުޅި ރާއްޖޭގައި ފަށާފައިވާ ތަރައްޤީގެ ހުރިހާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް، ރާއްޖެއަށް ޓެކްސް ތަޢާރަފްވިތާ 10 އަހަރު ފަހުން ޖީއެސްޓީއަށް 2% އަދި ޓީޖީއެސްޓީ އަށް 4% އިތުރު ކުރުން މާބޮޑަށްވެސް ހެޔޮކަން ބޮޑުކަމަށެވެ. މިއީ އިތުރު ލޯނެއް ނެގުމަށްވުރެއް ރަނގަޅު ކަމެއް ކަމުގައި ފާހަގަ ކުރެއްވި އެވެ.

ސަރުކާރުން މިދިޔަ މަހު ވަނީ ޓީޖެސްޓީ 12 އިން 16 ޕަސަންޓަށް އަދި ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ.

ޓޫރިޒަމާއި އާންމު މުދަތުން ނަގާ ޖީއެސްޓީ ބޮޑުކުރުމުން ދައުލަތުގެ އާމްދަނީ އަށް އިތުރު 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިސާބުތަކުން ދައްކަ އެވެ. ސަރުކާރުގެ އަންދާޒާ އަކީ ޓީޖީއެސްޓީ އާއި ޖީއެސްޓީން ދައުލަތަށް އިތުރު ތިން ބިލިއަން ރުފިޔާ ހޯދުމެވެ. އެހާ އެކު ދައުލަތުން ޓެކުހުން ލިބޭ އާމްދަނީ ހަ ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.

ސަރުކާރަށް ނަގާ ޓެކްސް ބޮޑުކުރަން ނިންމާފައިވާ ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވެސް ވަނީ ތާއީދު ކުރައްވާފަ އެވެ.