ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށާއި ސަބްސިޑީ ދޭގޮތް ބަދަލުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން މަރުހަބާ ކިޔައިފިއެވެ.
އައިއެމްއެފް އިން ބުނި ގޮތުގައި މިއީ ރާއްޖޭގައި ކުރިޔަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. މި ގޮތަށް ބުނެފައިވަނީ މިދިޔަ ޖޫން މަހު އައިއެމްއެފްގެ ވަފުދަކުން ރާއްޖެ އައިސް ދިވެހި އިގުތިސޯދީ ހާލަތާއި، ތަސައްވުރާއި، ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ނެރުނު ނޫސްބަޔާނުގައެވެ.
މި ނޫސް ބަޔާނުގައި އައިއެމްއެފް އިން ވަނީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަމުގެ ފަހަތުގައި، އިގުތިސޯދު ކުރިއަރާ ދުވެލި ބާރުވަމުން އަންނަ ކަން ފާހަގަކޮށްފައެވެ. އަދި އޭގެ ފައިދާ އެހެނިހެން ސިނާއަތްތަކަށް ކުރާ ކަމަށާއި މި އަހަރުގެ ތެރޭގައި އިގުތިސޯދު 8.7 އިންސައްތައަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން އުފުލެމުންދާ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތަކާ ހުރެ އިންފްލޭޝަން 3.1 އިންސައްތައަށް އިތުރުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
އައިއެމްއެފް އިން ބުނާ ގޮތުގައި ފަތުރުވެރިކަމުގެ މުހިންމު މާކެޓުތަކުގެ އިގުތިސޯދު ދަށަށް ގޮސް، މާލީ ފިއްތުންތައް އިތުރުވުމުގެ ނުރަނގަޅު އަސަރު ރާއްޖޭގެ އިގުތިސޯދަށް ކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.
އިގުތިސޯދު ކުރިއެރި ނަމަވެސް ދަރަންޏާ ހުރެ މާލީ ހިރާސްތައް ގިނަ ކަމުގެ ކަންބޮޑުވުން އެ އިދާރާއިން ވަނީ ފާޅުކޮށްފައެވެ. އަދި އައިއެމްއެފް އިން އަންދާޒާކުރަނީ އަހަރު ނިމޭއިރު ބަޖެޓު ޑެފިސިޓް ހުންނާނީ 10 ބިލިއަން ރުފިޔާއިން މަތީގައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!