ހއ. ފިއްލަދުއާއި ށ ކޮމަންޑޫ ކައިރިން ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ އެކި ކައުންސިލް ތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުން އަށް ކަނދުފަތި ކަނޑައިގެން ގޮސްފައިވާ ކަމުގައެވެ.
އެގޮތުން ކަނޑައިގެން ގޮސްފައިވަނީ ހއ. ފިއްލަދޫ، ށ. ކޮމަންޑޫ، ޅ. ފާދޫ، ކ. ކާށިދޫ، ކ. މާފުށި، އއ. އުކުޅަސް، ތ. ހިރިލަންދޫ ހިމެނޭ ސަރަހައްދުތަކުގައި އަޅާފައިވާ ކަނދުފަތިތައް ކަމުގައި ފިޝަރީޒް މިނިސްޓްރީން ފާހަގަ ކުރައްވައެވެ.
ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތަކުގެ ތެރެއިން ފަސް ކަނދުފައްޗެއް އެޅުމުގެ މަސައްކަތް ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ކަނދުފަތި ޓީމުން މިހާރު ދަތުރު ފަށާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މި ދަތުރުގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތިތަކުގެ ތެރޭގައި ހިމެނެނީ ހއ. ފިއްލަދުއާއި ށ. ކޮމަންޑޫ ކަނދުފަތީގެ އިތުރުން ޅ. ފާދޫ، ކ. މާފުށި އަދި އއ. އުކުޅަހުގެ ކަނދުފައްޗެވެ.
ބާކީ ހުރި ކަނދުފަތިތައް އެޅުމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ތައްޔާރު ވަމުންދާ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!