ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ޑޮލަރު ގަތުމަށް ކުރި ޢިއުލާނު ބާތިލުކުރި ސަބަބު އެ ކޯޕަރޭޝަނުން ސާފުކޮށްދީފިއެވެ.

އެކަން ސާފުކޮށްދެމުން އެ ކޯޕަރޭޝަނުން އާންމުކުރި ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނަށް އެމެރިކާ ޑޮލަރު ވިއްކާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފަށް، މަޢުލޫމާތު އޮޅޭ ގޮތަށް ހަބަރު ފަތުރަމުން ގެންދާ ކަމަށެވެ.

Ad
rt

އެ އިއުލާން ކުރެވިފައިވަނީ މަރުކަޒީ ބޭންކް، އެމް.އެމް.އޭ އިން ބޭރު ފައިސާ ވިއްކުމުގެ ލައިސެންސް ދީފައިވާ ފަރާތްތަކުން އެ ކޯޕަރޭޝަނަށް އެމެރިކާ ޑޮލަރު ގަތުމަށްކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.

"ނަމަވެސް މި ކޯޕަރޭޝަނަށް ބޭނުންވާ ބޭރު ފައިސާ މނިސްޓްރީ އޮފް ފިނޭންސްއިން ހަމަޖެހުމާއެކު ދެންނެވުނު އިޢުލާން ވާނީ ބާތިލް ކޮށްފައެވެ." އާރުޑީސީން ބުނެފަވެއެވެ.

އެ އިއުލާން ބާތިލް ކޮށްފައިވަނީ ފިނޭންސް ނިސްޓްރީން ނުވަތަ އެހެން ފަރާތަކުންވެސް އެކަން ކުރުމަށް އެ ކޯޕރޭޝަނަށް އެންގުން ނޫން ކަމަށް އާރުޑީސީން ބުނެފަވެއެވެ. އަދި އެ އިއުލާން ބާތިލުކުރީ އެ ކޯޕަރޭޝަނަށް ބޭނުންވާ ޑޮލަރު ފިނޭންސް މިނިސްޓްރީން ހަމަޖެހުމުން އެހެން ފަރާތަކުން އިތުރަށް ޑޮލަރު ގަތުމުގެ ބޭނުން ނެތުމުގެ ސަބަބުން ކަމަށް ވެސް އާރުޑީސީން ބުނެފަވެއެވެ.

މި ބަޔާނުގައި އާރުޑީސީން ވަނީ، ހަބަރު ފަތުރާ ވަސީލަތްތަކުން ރައްޔިތުންނަށް އޮޅުން ނާރާ ގޮތަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.

"ތިޔަ ހީކުރެއްވި ގޮތަކަށް ނޫން. އޮޅިގެންވެސް އެއްވެސް އޮޅުމެއް ނެތް"، އެ ޢިއުލާނު ބާތިލުކުރި ސަބަބު އޮޅުންފިލުވައި ދިނުމަށް އާރުޑީސީން ނެރުނު ބަޔާން، ޓްވީޓަގައި ހިއްސާކުރައްވަމުން އެ ކުންފުނީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެފައިވެއެވެ.