މި އަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރާއްޖޭގެ އަމީރުލް ޙައްޖު މިއަދު ރާއްޖެވަޑައިގެންފައިވާއިރު، ޙައްޖުގެ މަަތިވެރި އަޅުކަން އަދާކުރުމަށްފަހު ޙައްޖުވެރިން ވެސް މިއަދު ވަނީ ރާއްޖެ އަންނަން ފަށާފައެވެ.

Ad
rt

މިގޮތުން މިއަދު ހެނދުނު ވަނީ ޙައްޖަށް ދިޔަ ފުރަތަމަ ގުރޫޕްގައި ހިމެނޭ 157 ޙައްޖުވެރިން ރާއްޖެ އައިސްފައެވެ.

ރާއްޖެއިން މިއަހަރު 453 ޙައްޖުވެރިން ޙައްޖަށް ދިޔައެވެ.

ހައްޖުވެރިން ގޮވައިގެން އަންނަ ދެވަނަ ފްލައިޓް އަންނާނީ މި އަންނަ ހޮނިހިރު ދުވަހުއެވެ. މި ފްލައިޓުން 175 ޙައްޖުވެރިން އަންނާނެއެވެ.

އަދި ފަހު ފްލައިޓް އަންނާނީ އަންނަ ބުދަ ދުވަހުއެވެ. މި ފްލައިޓްއިން އަންނާނީ ޖުމްލަ 117 ޙައްޖުވެރިންނެވެ.

މި ހައްޖުވެރިންނަށް ޚާއްސަކޮށް ޚިދުމަތް ދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސާފައިވާއިރު އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިފަހަރު ޙައްޖާޖީން ބަލާ އެއަރޕޯޓަށް ދާ މީހުންނަށް ޚާއްސަކޮށް ވެހިކަލްތަކެއް ސަރުކާރުން ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައިވާއިރު، އެގޮތުން ކޮންމެ 15 މިނެޓަކުން ބަސްދަތުރުތައް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާއި ގުޅިގެން ޙައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ އެ ހައްޖުވެރިއަކު އަމިއްލައަށް ކަމަށް ވެސް ވިދާޅުވެއެވެ.