ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް މާލެއާއި އަތޮޅުތަކުގެ ރައްޔިތުންނަށް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ތައްޔާރުވެއްޖެއެވެ.

މި މަސައްކަތުގެ ދަށުން މި މަހުގެ 16 ވަނަ ދުވަހު ވަނީ 36 ބަސް ރާއްޖެއަށް ގެނެސްފައެވެ.އިތުރު ފަސް ބަސް މި މަހު ފަހުކޮޅު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ފޮނަދޫ އަދި އިސްދޫ، ކަލައިދޫގައެވެ.

މިނީ ބަހުގެ ޚިދުމަތަކީ ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫއު "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޚިދުމަތެކެވެ.

އެމްޓީސީސީގެ މަގުސަދަކީ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ބަހުގެ ޚިދުމަތް ރައްޔިތުންނަށް ދޭންފެށުމެވެ. އެގޮތުން، މާލޭގައި 2 ރޫޓެއްގައި 12 ބަހުގެ ޚިދުމަތްދޭއިރު، އައްޑޫ ސިޓީ (ފޭދޫ، ހިތަދޫ)ގައި 4 ރޫޓެއްގައި 8 ބަހުގެ ޚިދުމަތް ދޭން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ހުޅުމީދޫގައި 4 ރޫޓެއްގައި 4 ބަހަކުން ޚިދުމަތް ދޭއިރު، ފުވައްމުލައް ސިޓީގައި 3 ރޫޓެއްގައި 5 ބަހުގެ ޚިދުމަތް ދޭނެއެވެ. އަދި ލ އަތޮޅުގެ މެއިން ލޭންޑް (ގަން، ފޮނަދޫ)އަށް 4 ރޫޓެއްގައި 5 ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، ލ. އިސްދޫ ކަލައިދޫގައި 1 ރޫޓެއްގައި 2 ބަހުން ޚިދުމަތްދޭނެއެވެ.

އެމްޓީސީސީން ބުނީ އާރްޓީއެލް ބަހުގެ ޚިދުމަތާގުޅޭ ޝެޑިއުލް އެމްޓީސީސީގެ ވެބްސައިޓުން ލިބޭނެކަމަށެވެ. އަދި އިތުރު މަައުލޫމާތު ހޯދަން ބޭނުންވާނަމަ ހޮޓްލައިން 1650ށް ގުޅުމަށް އެދިފައިވެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުންކަމަށް އެ ކުންފުނިން ބުންޏެވެ.