ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލާއި، އެރަށު ވައި ސްޕޯޓްސް އެންޑް ރި ކްރިއޭޝަން ކުލަބް ގުޅިގެން ކުރިއަށް ގެންދިޔަ "ފިނޭ ކައުންސިލް ފުޓްސަލް ޓޯނަމަންޓް 2022" ގެ ޗެމްޕިއަންކަން ޔަންގް ސްޓާއިން ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު 16 ޖުލައި 2022 ވީ ހޮނިހިރު ދުވަހުގެ ރޭ ފިނޭ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ޔަންގް ސްޓާއާއި ވީއެސްއާރުސީއެވެ. މި މެޗު ޔަންގް ސްޓާއިން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ފައިނަލް މެޗުގައި ޔަންގް ސްޓާގެ މާޖިދު، ހުސެއިން، އަޒުވާން މި ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ކާމިޔާބު ކޮށްދީފައިވާއިރު އެ ޓީމްގެ ޝަމީލް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ފައިނަލް މެޗު ނިމުމުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލު ކޮށްފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވިފައި ވަނީ ޔަންގް ސްޓާގެ ހުސެއިން ސިރާޖްއާއި، އަޒްވާން ތޯހާއާއި، ޝަމީލް ރަޝީދުއާއި އަލީ ޝާހިލްއެވެ. ދެން މޮޅު ފަސް ކުޅުންތެރިންގެ ތެރޭ ހިމެނިފައި ވަނީ ވީއެސްއާރުސީގެ އާސިފް ސަލީމެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޔަންގް ސްޓާގެ ހުސެއިން ސިރާޖެވެ.
ފިނޭ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދަކީ އެ ރަށުގެ ޒުވާނުންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅުންތެރިންގެ މެދުގައި ޖޯޝާއި ފޯރިޔާއި އެކުވެރިކަން، އާލާ ކުރުމުގެ އިތުރުން ކުޅިވަރުގެ ރޫހު އާލާކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!