ސްޓެލްކޯގެ ކަރަންޓް ފޮށްޓަކުން އެއް މީޓަރުގެ ކޭބަލެއް ބުރިކޮށްލައިގެން ގެންދިޔަ މީހަކު 11 މަހަށް ގޭގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ބ. ދަރަވަންދޫ ވިލަރެސް، ހުސައިން މުޒުލިފްގެ މައްޗަށް އެ ހުކުމް އައީ މިދިޔަ އަހަރު މާލޭގެ މަގެއްގައި ހުރި ސްޓެލްކޯގެ ކަރަންޓް ފޮށްޓެއްގައި ހުރި ކޭބަލަކުން އެއް މީޓަރުގެ ކޭބަލް ބުރިކޮށްލައިގެން ވަގަށް ގެންދިއުމުންނެވެ. އޭނާ އެކަންކުރީ ދުނިކީސް ތިލައެއް ބޭނުންކޮށްގެންނެވެ.
އެކަމަށް އޭނާ ކޯޓުގައި އެއްބަސްވެ އަދި ލުއި އަދަބެއް ދޭން އެދިފައިވެ އެވެ.
މިދިޔަ ހަފުތާގައި ކޯޓުން ހުކުމްކުރީ ފަސް މަހާއި 20 ދުވަހަށް އޭނާ ޖަލަށްލުމަށެވެ. އަދި އެ މުއްދަތު ގޭ ބަންދުގެ އަދަބަކަށް ބަދަލު ކުރުމުން 11 މަހާއި 10 ދުވަހަށް ގޭގައި ބަންދު ކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!