ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް އަންނަ އާދީއްތަ ދުވަހު ހއ. އަތޮޅުގައި ރަސްމީކޮށް ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ވަނީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ހިދުމަތް ހއ އަތޮޅުގައި މިިދިޔަ އާދީއްތަ ދުވަހު ފަށައިފައެވެ. މިހާރު މި ހިދުމަތް އެ އަތޮޅުގައި ދެމުން އަންނަނީ ހދ. އަތޮޅުގައި ފުރަތަމަ ދެމުން އައި ގޮތަށް ހިލެއެވެ.

Ad
rt

ޚިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން ހިލޭ ދަތުރުތައް ބާއްވަނީ އެ ސަރަހައްދެއްގެ ދަތުރުފަތުރު އޮންނަ ގޮތް ދިރާސާކޮށް، ޓެސްޓް ކުރުމަށެވެ. ހދ. ގައި އެމްޓީސީސީގެ ޓެސްޓުތައްވެސް ކާމިޔާބުވެފައިވާއިރު އެ އަތޮޅުގައި އެންމެ ގިނަ ބަޔަކު ދަތުރު ކުރަނީ ކުޅުދުއްފުށި ސިޓީއަށް ކަން ދިރާސާއިން ދައްކާ ކަމަށްވެއެވެ.

ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން ޝެޑިއުލަށް އަހުލުވެރިކޮށް މި ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުން ކަމަށާއި އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް އަގު ނަގައިގެން ފެށުނު ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، އެންސްޕާގައި ރެޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ޒޯން އެކެއްގެ ހިމެނޭ ހއ އަތޮޅަށް ކަނޑައަޅާފައިވާ އަގުތަކުގައި 3 ޖުލައި 2022 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އެޔާއެކު ފުރަތަމަ ފިޔަވަހީގެ ދަށުން އާރުޓީއެލްގެ ހިދުމަތް ޒޯން 1 ގެ ށ. އަތޮޅު ފިޔަވައި ދެން ހިމެނޭ ދެ އަތޮޅުކަމުގައިވާ ހދ. އަދި ހއ. އަތޮޅުގެ ރަށްތަކަށް ރަސްމީކޮށް ފެށުނީ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހއ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޓިކެޓު ހޯދުމަށް، އެމްޓީސީސީގެ އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް 1 ޖުލައި އިން ފެށިގެން ޓިކެޓު ގަނެވޭނެއެވެ.

ހއ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ހަފްތާގެ ހަތް ދުވަހު އަށް ރޫޓަކުން ލިބޭނެއެވެ. އެއީ:

ރޫޓް އެސް 1 ސީ 1: ތުރާކުނު - ދިއްދޫ

ރޫޓް އެސް 1 ސީ 2: މުޅަދޫ - ދިއްދޫ

ރޫޓް އެސް 1 ސީ 3: މާރަންދޫ - ދިއްދޫ

ރޫޓް އެސް 1 ސީ 4: ފިއްލަދޫ - ދިއްދޫ

ރޫޓް އެސް 1 ސީ 5: ކެލާ - ދިއްދޫ

ރޫޓް އެޗް 1: އިހަވަންދޫ - ކުޅިދުއްފުށި ސިޓީ

ރޫޓް އެސް 1 ސީ6: ދިއްދޫ - ހަނިމާދޫ

ރޫޓް އެސް 1 ވީ1: ދިއްދޫ - ކުޅިދުއްފުށި ސިޓީ