ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީނުކޮށް، އިތުބާރާއި އެއް ރޫޙެއްގައި މަސައްކަތްކުރަންޖެހޭ ކަމަށް، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، ރުވާންޑާގެ ވެރިރަށް ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ވިމެންސް ފޯރަމްގެ "ސެޝަން އޮން ވިމެންސް އެންގޭޖްމަންޓް އިން ޕީސް އެންޑް ސެކިއުރިޓީ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ކޮމަންވެލްތު ވިމެންސް ފޯރަމްގައި ދިވެހިރާއްޖޭގެ ވަޒީރަކު ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

Ad
rt

މިނިސްޓަރު މާރިޔާ ވިދާޅުވީ، ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީނުކޮށް، އިތުބާރާއި އެކުވެރިކަމުގެ ރޫޙެއްގައި ޤައުމުތަކާއެކު ޕާޓްނަރޝިޕްތައް ހަދައިގެން، ވަކި އުޞޫލުތަކެއްގައި ހިފަހައްޓާ ބައިނަލްއަޤްވާމީ ޖަމާޢަތެއް ބިނާކުރުމުގެ ތަޞައްވުރު ޙާސިލްކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި ވަނީ، ބައިނަލްއަޤްވާމީގޮތުން ސަލާމަތާއި ރައްކާތެރިކަމަށް ހުރި "ހައިބްރިޑް ތްރެޓު" ތަކާއި ގޮންޖެހުންތައް ނުހަނު ފުޅާވެ، އުނދަގޫވެފައިވާ ދަނޑިވަޅެއްގައި، އެއްވެސް ޤައުމަކަށް އެޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން އަމިއްލަޔަށް ކަށަވަރުކުރުމަކީ މުސްތަޙީލު ކަމެއްކަން ފާހަގަކުރައްވާފައެވެ.

މިގޮންޖެހުންތަކާއި "ހައިބްރިޑް ތްރެޓު"ތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަންހެނުން ބާކީކޮށްގެން ނުވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ސަބަބަކީ، ސަލާމަތީގޮތުން އަންނަ ލޮޅުންތަކާއި ކުރިމަތިވާ ކާރިސާތަކުން އެންމެ ބޮޑު ގެއްލުމަކާއި ބުރައެއް އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި ކުޑަކުދިންކަމުގައި ވާތީކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރެކޯޑު ޢަދަދަކަށް އަންހެން ވަޒީރުން އައްޔަންކުރައްވާފައިވާކަން ފާހަގަކުރައްވާ، މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ދިފާޢާއި ސަލާމަތަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އަންހެން ވަޒީރަކު އައްޔަންކުރައްވަން ރައީސް ޞާލިޙް ނިންމެވި ނިންމެވުމަކީ ވަރުގަދަ، ތާރީޚީ ނިންމެވުމެއް ކަމަށެވެ.