ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން އިއްޔެ ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ހަ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ފުލުހުން ބުނީ، އިއްޔެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 60 އަދި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް މިއަދު ދީފައިވާކަމަށެވެ.

Ad
rt

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރަން ހިންގި ހަރަކާތުގައި ހަމަނުޖެހުން ހިނގި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

އެ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިންގެ އިތުރުން އަމީން އަޙްމަދެވެ. ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ފުލުހުން ވަނީ ގާއިމް ކޮށްފައެވެ. މިފަދަ މައުލޫމާތުތައް https://www.police.gov.mv/helpus/casetip އަށް ޒިޔާރަތްކޮށް ހިއްސާކުރެއްވުން އެދެމެވެ. މި ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން ފުލުހުންވަނީ އަރުވާފަ އެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރަން ހަރާކާތްރަށް ރޭވުމާއި އެކު މިކަމާއި ދެކޮޅަށް އާންމުންގެ ތެރޭގައި އައީ ހިތްހަމަނުޖެހުން ފާޅުކޮށް އަޑު އުފުލަމުންނެވެ. މިކަމަށް އެއްވެސް ވަރަކަށް ބެލުމެއްނެތި ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ވަނީ މިހަރަކާތް ގަލޮޅު ދަނޑުގައި އިއްޔެ ހެނދުނު ބާއްވާފަ އެވެ. ހަރަކާތް ކުރިއަށް ދަނިކޮށް އެ ތަނަށް ބަޔަކު ވަދެގަނެ ވަނީ ހަމަނުޖެހުން ހިންގާފަ އެވެ.