ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިވެހި ލީގުގެ ކޮލިފައިން ބުރުގައި، އެންމެ އުތުރުގެ ދެ އަތޮޅުގެ މެދުގައި ކުޅޭ، އެމްޓީސީސީ ނޯތު ލީގުގެ ފުރަތަމަ މެޗުގައި ޓީމް ހަނިމާދޫ ބަލިކޮށް ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް މުބާރާތުގެ ފެށުން ރަނގަޅު ކުރިއިރު، ދިއްދޫ ބީއެކްސް ސްޕޯޓްސް ކުލަބާއި އިހަވަންދޫ ކުލަބް ޕޯލްސްޓާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
އިއްޔެ ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ޓީމް ހަނިމާދޫގެ މައްޗަށް ޒިގްޒެގުން ކުރި ހޯދާފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޒިގްޒެގުންނެވެ. މި ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 8 އުސައިދު އަލީއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރު 11 އާސިފް ސަލީމް ވަނީ، ޒިގްޒެގްގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޒިގްޒެގް ޓީމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. ޒިގްޒެގްގެ ދެވަނަ ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 21 ޒައިދު މުހައްމަދެވެ. މެޗުގެ ތިންވަނަ ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 11 މުހައްމަދު ނަޝީދުއެވެ.
ދިއްދޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ދިއްދޫއާއި އިހަވަންދޫ ބައްދަލުކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އިހަވަންދޫ ކުލަބް ޕޯލްސްޓާއިންނެވެ. މި ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 8 މުހައްމަދު ސާޖިދެވެ. ދިއްދޫ ބީއެކްސް ސްޕޯޓްސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 21 އާދަމް ނަސީމެވެ.
މި މުބާރާތުގެ ނޯތު ލީގުގައި އެންމެ އުތުރުގެ ދެ އަތޮޅުން ބައިވެރި ވެފައި ވަނީ ފަސް ރަށަކުންނެވެ. އެ ރަށްތަކަކީ ހަނިމާދޫ، ކުޅުދުއްފުށި، ނެއްލައިދޫ، އިހަވަންދޫ އަދި ދިއްދޫއެވެ.
މުބާރާތުގެ ދެވަނަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ބައްދަލު ކުރާނީ ޓީމް ހަނިމާދޫއާއި ދިއްދޫ ބީއެކްސް ސްޕޯޓްސް ކުލަބެވެ. ހަމަ އެ ދުވަހު ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުދުއްފުށި ޒިގްޒެގް ނުކުންނާނީ ނެއްލައިދޫއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!