އެއްވެސް މީހަކު ދެބަސް ނުވާނޭ ފަދައިން ނަމާދަކީ މުސްލިމުން އަހަރެމެންގެ ވެރި އިލާހަށް ކުރާ އަޅުކަންތަކުގެ ތެރެއިންވާ އެންމެ މަތިވެރި އެއް އަޅުކަމެވެ. މިކަމަށް ދަލާލަތުކުރާ އާޔަތްތަކާއި ޙަދީޘްތަކުން ޤުރްއާނާއި ސުންނަތް ވަނީ ފުރިފައެވެ. ހަމަ އެހެންމެ މާތް ސަލަފުއް ސާލިޙުން މިބާބުގައި ގެންނަވާފައިވާ ވާހަކަތައް އެހާމެ ގިނައެވެ.
ވީއިރު ނަމާދާ ގުޅޭ ކޮންމެ ވާހަކައަކީވެސް އަޅުގަނޑުމެން ވަރަށް ވިސްނުންތެރިކަމާއެ ސަމާލުކަން ދޭން ޖެހޭ އަދި އެކަމެއްގެ މަޢުލޫމާތު އެންމެ ރަނގަޅަށް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަންތައްތަކެކެވެ.
އެގޮތުން ބަލާއިރު ނަމާދުގެ ޙަރަކާތްތަކާއި ކިޔުންތަކުގެ އިތުރުން އަޅުގަނޑުމެން ވާހަކަ ދައްކާލަން ޖެހޭ ވަރަށް މުހިންމު މައުޟޫއެއް އެބަ ވެއެވެ. އެއީ ނަމާދުގައި މަޑުމޮޅިވެ، ޚުޝާޢަތްތެރި ވުމުގެ ވާހަކައެވެ.
ނަމާދަކީ އަހަރެމެންގެ ވެރި ރައްބަށް ކުރާ އަޅުކަމަކަށްވާއިރު، މި ނަމާދަކީ އެއިލާހުގެ ޙަޟްރަތުގައި މަޤުބޫލު އަޅުކަމަކަށް ހެދުމަށްޓަކައި ނަމާދުގައި ޚުޝޫޢަތްތެރި ވާން ވާނެއެވެ. މާނައަކީ ނަމާދު ކުރާއިރު، ދުންޔަވީ އެންމެހާ ކަމެއް ސިކުނޑިން އެއްފަރާތް ކުރުމަށްފަހު، ވިސްނުން ﷲ ތަޢާލާއަށް ޚާއްސަކޮށް، މަޑުމޮޅިކަމާއި، ނިކަމެތިކަމާއެކު އެއިލާހަށް ބިރުވެތިވާ ޙާލު ނަމާދު ކުރުމެވެ.
މިކަމަށް އިޝާރާތް ކުރައްވައި ﷲ ތަބާރަކަ ވަތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ.
﴿ وَقُومُواْ لِلَّهِ قَٰنِتِينَ ﴾ (سورة البقرة 238)
މާނަ: “އަދި ތިޔަބައިމީހުން ﷲއަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ!”
އަދިވެސް އެއިލާހު، މުއުމިނުންގެ ސިފަތައް ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ.
﴿ قَدْ أَفْلَحَ ٱلمُؤمِنُونَ [1] ٱلَّذِينَ هُمْ فِي صَلَاتِهِمْ خَٰشِعُونَ [2] ﴾ (سورة المؤمنون 1 , 2)
މާނަ: “މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ.”
ޚުޝޫޢަތްތެރި ކަމެއް ނެތި ކުރާ ނަމާދުގެ އެއްވެސް ދިރުމެއް ނުވާނެއެވެ. ގިނަފަހަރަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭގޭނެއެވެ. ކުރެވުނީ ކިތައް ރަކުޢަތް ކަމެއް ޤުރްއާން ކިޔެވުނުކަމެއް ސަޖިދަ ޖެހުނު ކަމެއް ނުޖެހޭ ކަމެއް ނޭގޭނެއެވެ. ސަބަބަކަށް ވަނީ މީހާ މުސައްލަ މަތީގައި ނުވަތަ މިސްކިތުގައި ނަމާދު ކުރަން ހުރި ނަމަވެސް ސިކުނޑި މުޅިން އެހެން ދުނިޔެއެއްގައި ވުމެވެ.
ނަމާދުގައި ޚުޝޫޢަތްތެރި ވުމަށްޓަކައި ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދެނެގަތުމެވެ. އޭރުން އެޒިކުރެއް ކިޔާ މަޙައްލުގައި، އެޒިކުރެއް ކިޔާ ހިނދު، ކިޔާ ތަކެތީގެ މާނަ ހިތަށް ނަގައިގަނެވޭނެއެވެ. އަދި މިކަން އިތުރު ހަރުފަތަކަށް ކުރިއަށް ގެންދިއުމަށްޓަކައި، ތިމާއަށް ލިބޭ ހުސް ވަގުތުތަކުގައި، ޢައްމާފޮތުގެ ސޫރަތްތަކުގެ މާނަ ދޭތެރެއަކުން ކިޔާލެވިދާނެއެވެ.
މިފޮތުގެ ސޫރަތްތަކަކީ ރާއްޖޭގައި އާންމުކޮށް ނަމާދުތަކުގައި ކިޔެވޭ ސޫރަތްތަކަށް ވުމުން ތިމާއަށް މާނަ އެނގޭ ސޫރަތެއް އިމާމު ކިޔަވާ އަޑު އިވުމުން ނުވަތަ ސުންނަތް ނަމާދެއްގައި ނަމަވެސް މީގެއިން ސޫރަތެއް ކިޔަވާ އިރު ކިޔެވޭ އާޔަތްތަކުގެ މާނަ އިނގޭނަމަ، މާނައާ މެދު ވިސްނައި، ފިކުރުކޮށް، ތަދައްބުރު ކޮށްލަން ފަސޭހަވާނެއެވެ. ނަތީޖާއެއްގެ ގޮތުން ބޭކާރު ޚިޔާލުތަކުން ދުރުވުމަށް ފަސޭހަވާނެއެވެ.
ނަމާދުގައި ޚުޝޫޢަތްތެރި ވުމަށް ދެން ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ، ނަމާދުގައި މަރު މަތިން ހަނދާން ކުރުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ މި ކުރާ ނަމާދަކީ ތިމާގެ ޙަޔާތުގައި ކުރެވޭ އެންމެ ފަހު ނަމާދަށް ވެދާނެކަން ނަމާދަށް ފަށާހިނދު ހިތަށް ގެނުވާށެވެ. އޭރުން މިނަމާދަކީ ﷲ ގެ ޙަޟްރަތުގައި މަޤުބޫލުވެގެންވާ ނަމާދަކަށް ހެދުމަށްޓަކައި އޭނާ ގަދައަޅައި މަސައްކަތް ކުރާނެއެވެ.
މިކަމަށް އިޝާރާތް ކުރައްވައި އަހަރެމެންގެ ނަބިއްޔާ ވަނީ ވަރަށް އަގުހުރި ބަސްކޮޅެއް ޙަދީޘް ކުރައްވާފައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
((وَاذْكُرِ الْمَوْتَ فِي صَلَاتِكَ فَإِنَّ الرَّجُلَ إِذَا ذَكَرَ المَوْت فِي صَلَاتِهِ لَحَرِيٌّ أَنْ يُحْسِنَ صَلَاتَهُ))
(أخرجه البيهقي في كتاب الزهد الكبير وحسنه الشيخ الألباني)
މާނަ: “ތިބާ ނަމާދުކުރާއިރު މަރު ހަނދުމަކުރާށެވެ. ފަހެ ހަމަކަށަވަރުން އަޅާ، އޭނާގެ ނަމާދުގައި މަރު ހަނދުމަކުރާނަމަ، އޭނާގެ ނަމާދު ފުރިހަމަކުރުމަށް އަހައްމިތްތަތުކަން ދޭނެއެވެ.”
ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުރާ ކޮންމެ އަޅުކަމެއްގައިމެ، ބިރުވެތިކަމާއި، އިޚްލާސްތެރިކަމާއި، ޚުޝޫޢަތްތެރިކަމާއެކު އެއިލާހަށް އަޅުކަން ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުމަށް ގިނަގިނައިން ދަންނަވާށެވެ.
އަޅުގަނޑުމެންގެ ދުޢާ އަކީ، ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ قَلْبٍ لَا يَخْشَعُ)) (رواه الترمذي وصححه الألباني)
މާނަ: “އޭ ﷲ! ހަމަކަށަވަރުން (އިބަ އިލާހަށް) ބިރުވެތި ނުވާ ހިތަކުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ.”
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!