ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"ގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ހއ. އަތޮޅުގައި މި މަހު ފަހުކޮޅުފަށައި، ށ. އަތޮޅުގައި ޖުލައިގެ ނިޔަލަށް ފަށަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖޫން މަހުގެ ފަހުކޮޅު ހއ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.
ށ. އަތޮޅުގައި ޖުލައި މަހުގެ ނިޔަލަށް ޚިދުމަތް ފެށުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ހަމްދާން ވިދާޅުވިއެވެ. އަދި ބާކީ ޒޯންތަކުގެ މަސައްކަތް އެމްޓީސީސީ އާއެކީ ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި އޭޕްރީލް 2022 ގައިވަނީ ސޮއިކޮށްފައިކަން އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ.
ޖޫން މަހުގެ ފަހުކޮޅު ހއ. އަތޮޅުގައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، ށ. އަތޮޅުގައި ޖުލައި މަހުގެ ނިޔަލަށް ޚިދުމަތް ފެށުމުގެ މަސައްކަތްތައް ދަނީ ކުރިއަށް. ބާކީ ޒޯންތަކުގެ މަސައްކަތް އެމްޓީސީސީ އާއެކީ ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި އޭޕްރީލް 2022 ގައިވަނީ ސޮއިކޮށްފައި.
— Hamdhan (@Ahmed_hamdhan) June 12, 2022
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށާފައިވާއިރު، އެ ޚިދުމަތް ފުރަތަމަ ފެށީ ޒޯން އެކެއްގައި ހިމެނޭ ހދ. އަތޮޅުގެ ރަށްތަކަށެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ލޯންޗް ފެރީގެ އަގުތައް އުޅެނީ ދެކޮޅަށް، 65 ރުފިޔާ އާއި 200 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މި ހިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތާއި ފަސޭހައަށް ވިސްނައި ފަރުމާކޮށް ބަނދެފައިވާ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ.
އާރްޓީއެލްގެ ޕެސެންޖާ ފެރީ ގުޅާލެވިގެންދަނީ ތަފާތު ތިން ގޮތަކަށެވެ. އެއީ ކޮމިއުޓް ލިންކް، ނޮން ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކެވެ.
ކޮމިއުޓް ލިންކަކީ ކައިރި ރަށްތައް ގުޅުވައިދޭ ކުރު ދަތުރުތަކަށް ހާއްސަ ލިންކެވެ. ނޮން ކޮމިޓް ލިންކަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހަމަޖައްސާފައިވާ ލިންކެވެ. ހައިވޭ ލިންކަކީ އެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް އާއި އަނެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް ގުޅުވައިދޭ ލިންކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!