ހދ. ކުމުންދޫގައި މި ސަރުކާރުން ގާއިމު ކުރަން ނިންމާފައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ބީލަމަށް ހުޅުވާލެވޭނެ ކަމަށް މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ ކުމުންދޫގައި މި ސަރުކާރުން ގާއިމު ކުރަން ނިންމާފައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުން ފިލުވަން މިނިސްޓަރު މަޚްލުފާއި ސުވާލު ކުރަށްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ، އެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަން ޔޫތު މިނިސްޓްރީން ކުރިއަށް ގެންދަވާ ކަމަށެވެ.
"އަޅުގަނޑު އުންމީދު މި ކުރަނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަށް އެ މަސައްކަތް ހަތަރު ވަނަ ކުއާޓަރުގެ ތެރޭގައި ޢިއުލާންކޮށް ލެވޭނެ ކަމަށް،" މިނިސްޓަރު މަޚްލޫފް ވިދާޅުވިއެވެ.
އިއްޔެގެ ޖަލްސާގައި ރާޢީ ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ޒުވާނުންގެ މަރުކަޒުން ހުރުމަކީ ވަރަށް މުހިންމުކަމެއްކަމަށްވާތީ، އެކަން ގެންދަވާ އުސޫލު އޮޅުން ފިލުވުމަށް ވެސް ސުވާލު ކުރަށްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ އެއީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި ބަޖެޓް ކުރެވޭ ވަރަކަށް އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!