ށ. ނޫމަރާ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް އެރަށު ކައުންސިލުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ނޫމަރާ ކައުންސިލާއި ބައްދަލު ކުރަށްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނޫމަރާ ކައުންސިލުން ވަނީ އެ ކައުންސިލާއި، އެރަށު ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ރައީސްއަށް ދަންނަވައި، އެކަންކަމަށް ހައްލު ހޯދައިދިނުމަށް އެދިފައެވެ. މިގޮތުން ނޫމަރާ ކައުންސިލުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، އެރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކުގެ ވާހަކަ ވަނީ ދަންނަވާފައެވެ. އަދި ރަށްގިރުމުގެ މައްސަލައާއި، ސްކޫލާއި ޞިއްޙީ މަރުކަޒު ޖާގައިގެ ދަތިކަމާއި، ވަޞީލަތުގެ ގޮތުން އެތަންތަނަށް ކުރިމަތިވާ ދަތިތަކާއި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި އަދި ރަށަށް އައު މިސްކިތެއްގެ މުހިމުކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެ ކައުންސިލަރުން ވަނީ އެރަށު ޞިއްޙީ މަރުކަޒަށް މިވަގުތު ކުރިމަތިވެފައި ހުރި ގިނަ މައްސަލަތަކަށް ޙައްލު ލިބޭގޮތަށް މިސަރުކާރުން އެ މަރުކަޒުގެ އެކްޓެންޝަން އިމާރާތެއްގެ މަޝްރޫޢު ހަމަޖައްސަވައިދެއްވާފައިވާތީ އާއި ސްކޫލަށް 4 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ އެކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލު އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން އަޅުއްވާ އައު އިމާރާތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާތީ, ކައުންސިލު މެންބަރުން ވަނީ އެ ކަން ވެސް ފާހަގަކުރައްވާފައެވެ.
ނޫމަރާ ކައުންސިލާއި ރައިސް ޞާލިޙް ބައްދަލު ކުރަށްވަނީ، ފޮޓޯ: ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި ނޫމަރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ވަނީ މާލީ ގޮތުން އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި އެރަށުގެ ތަރައްޤީގެ މަސައްކަތްތައް ތަރުތީބުކުރުމުގައި އެންމެ އިސްކަން ދެއްވާނީ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދެއްވުމަށްކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން އެކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޞާލިޙް ވަނީ އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މުހިންމު މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!