ށ. ނޫމަރާގައި ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މަންމަގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނޫމަރާގައި ދިނަށަ، އައިމިނަތު ޝާހިދާ އޭނާގެ ދަރިފުޅަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ އެ ކުއްޖާ ނިދާފައި އޮއްވަ އެވެ. މަރާލި ސަބަބެއް ފުލުހުންނަކަށް ވެސް ނޭނގުނެވެ. އޭރު އޭނާ ދިޔައީ ނަފްސާނީ ކަންކަމަށް ފަރުވާ ހޯދަމުންނެވެ. އެއީ މުޅި ރާއްޖެ އާއި ފުނަދޫ ވެސް ސިއްސުވާލި ހާދިސާ އެވެ.
ޝާހިދާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ ހަ އަހަރު ވަންދެން ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތަަކަށްފަހު ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.
ކްރިމިނަލް ކޯޓުން ބުނީ ވާރިސުންގެ ބަސް ހޯދުމާއި ޝާހިދާގެ މައްޗަށް އަދަބު ކަނޑައެޅުމާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އަންނަ ހަފުތާގައި އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
ޝާހިދާގެ މައްޗަށް ކުށް ސާބިތުވިޔަސް އޭނާގެ މައްޗަށް މަރުގެ އަދަބު އަންނާނެ ކަމަކަށް ނުބެލެވެ އެވެ.
އެއީ ދަރިން މަރައިގެން މައިންބަފައިންގެ މައްޗަށް ގިސާސް ނުހިފޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނާތީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!