އެކި މިނިސްޓްރީ ތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާތީ ސަމާލުވާން އެދިއްޖެ އެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، އެކި މިނިސްޓްރީތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ދަނީ ހުށަހެޅެމުންކަމަށެވެ.
ފުލުހުން ބުނީ، މިނިސްޓްރީތަކުގެ ނަމުގައި މިގޮތަށް ގުޅަނީ ރަށްރަށުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސް މުވައްޒަފުންނަށްކަމަށާއި އެގޮތުން އެ އިދާރާއެއްގެ އިސް މުވައްޒަފަށް ގުޅައި، ވަކި މުވައްޒަފަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ބުނާކަމަށް ފުލުހުން ބުންޏެވެ.
އެކަމުގައި ނަސޭހަތްތެރިވުމަށް ފަހު، އެ އިދާރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މައުލޫމާތާއި ފޯނު ނަމްބަރު ހޯދަމުން ދާކަމަށް ބުނެއެވެ.
“ހެލްތު މިނިސްޓްރީގެ ނަމުގައިނަމަ ގުޅަމުންދަނީ ހެލްތު ސެންޓަރުގެ މުވައްޒަފުންނަށެވެ. އަދި ސްކޫލެއްގެ މުވައްޒަފެއްނަމަ ގުޅަނީ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައެވެ.”
ފުލުހުން ބުނެފައިވެއެވެ.
އެގޮތަށް ގުޅައި، އެ މުވައްޒަފާ ވާހަކަ ދައްކައި އޭނާ އާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ބުނެ، ވާހަކަ ދެއްކުމުގެ ތެރޭގައި މުވައްޒަފުގެ ޒާތީ މައުލޫމާތު ހޯދައި އެ މުވައްޒަފަށް ބިރުދައްކައި ފައިސާ ހޯދަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
މިގޮތަށް އާންމުކޮށް ގުޅަނީ މާފުށީ ޖަލުންކަން ފާހަގަކުރާކަމަށް ފުލުހުން ބުނެއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!