ހޯމް މިނިސްޓަރ އައްޝައިޚު ޢިމްރާން ޢަބްދުالله މިއަދު ށ.މިލަންދޫއަށް ވަޑައިގެންފިއެވެ.
މިނިސްޓަރ އިމްރާންގެ މިދަތުރުފުޅުގައި އެމިނިސްޓްރީގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެއިތުރުން އެދާއިރާގެ މެންބަރު އަލީ ރިޒާގެ އިތުރުން ބައެއް ޔުނިވަރސިޓީތަކުގެ ލެކްޗަރައިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރ ޢިމްރާން މިލަންދޫއަށް ވަޑައިގެންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ޔޫތު ލީޑާރސް ނެޓްވޯކުގެ ފަރާތުން މިލަންދޫގައި ބާއްވާ “ ޒުވާން ލީޑަރުންގެ ފޯރަމް 2022 “ ހުޅުވުމުގެ ރަސްމިއްޔާތު އިފްތިތާޙު ކޮށްދެއްވާ، އަދި އެފޯރަމްގައި ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވުމަށެވެ.
މިރޭ ފައްޓަވަން ހަމަ ޖެހިފައިވާ ފޯރަމްގައި މިލަންދޫގެ ހުރިހާ މުޢައްސަސާތަކެއް ހިމެނޭހެން މިލަންދޫގެ ގިނަ ޒުވާނުންތަކެއް ވަނީ ބައިވެރި ވެފައެވެ. އަދި މީގެ އިތުރުން ށ އަތޮޅުގެ ހުރިހާ ރަށެއްގެ ގިނަ ޢަދަދެއްގެ ޒުވާނުންވެސް މި ފޯރަމްގައި ބައިވެރި ވުމަށް މިލަންދޫއަށްވަނީ އައިސްފައެވެ.
މިނިސްޓަރ ޢިމްރާން މިލަންދޫގައި ތިންދުވަހު މަޑުކުރައްވަން ހަމަޖެހިފައިވާއިރު، މިލަންދޫ ކައުންސިލްގެ އެސް.ޖީ އަލްފާޟިލް މުޙައްމަދު އަސްރަފް ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިނިސްޓަރގެ މިދަތުރުފުޅުގައި މިލަންދޫ ކައުންސިލް އިދާރާ އާއި ރަސްމީކޮށް ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށެވެ. މީގެއިތުރުން އެހެނިހެން މުޢައްސަސާތަކުންވެސް މަޝްވަރާ ބައްދަލުވުންތައް މިނިސްޓަރާއިއެކު ބޭއްވުމަށް މިހާރުވެސް ރާވަމުން ދާކަން ފާހަގަ ކުރެއްވެވިއެވެ.

މިއަދު 11:45 ކަންހާއިރު މިނިސްޓަރ އިމްރާން މިލަންދޫއަށް ވަޑައިގަނެފައިވާއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި މިލަންދޫގެ ކުދިބޮޑު ވަރަށްގިނަ ރައްޔިތުންތަކެއް ބަނދަރު ސަރަހައްދައް އެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!