ފުލުހަކު މީޑިއާތަކަށް އިންޒާރުދިންކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދިފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބުނެފިއެވެ.

ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެރިރަށް މާލޭގައި މުޒާހަރާއެއް ކުރިއަށް ގެންދިޔަ ސަރަހައްދުގައި މިފަދަ ކަމެއް ހިނގާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރޭގައި ވަނީ ރިޕޯޓްކޮށްފައެވެ.

Ad
rt

މިއަދު އެމްއެމްސީން ކުރި ޓްވީޓެއްގައި ބުނީ، ‏ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތްތަކުގެ ތެރެއިން ރޭ މާލޭ މަގުމަތީގައި ކުރިއަށް ގެންދިޔަ އެއްވުން ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް ފުލުހަކު އިންޒާރުދީފިކަމަށް ބުނެ‏މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

"މި މައްސަލަ ބައްލަވައިދެއްވައި، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ކައުންސިލާ ހިއްސާކޮށްދެއްވުން ކައުންސިލުން މިހާރުވާނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ސިޓީ ފޮނުވާފައި" މީޑިއާ ކައުންސިލުން ބުނެފައިވެއެވެ.

އެމްއެމްސީއަކީ މީޑިއާގެ މިނިވަންކަން ޤާނޫނު ތަންދޭ ގޮތުގެމަތިން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދަމަހައްޓައި، އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ޤާއިމްކޮށްދިނުމަށް އުފައްދާފައިވާ ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޙްޞެކެވެ.

މީގެ އިތުރުން މީޑިއާގައި ދިވެހި މުޖުތަމަޢު ޤަބޫލުކުރާ އެންމެމަތީ އަޚްލާޤީ ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ޤާއިމުކޮށް ދެމެހެއްޓުމަކީ ވެސް އެ ކައުންސިލާއި މަތިކޮށްފައިވާ މައިގަނޑު އެއް މަސައްކަތެވެ.