ޑިޕާޓުމެންޓު އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) ގެ ފަރާތުން ށ. މިލަންދޫ ގައި މުހިންމު ސެޝަން ތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަންތައް އަމާޒުކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ މި ސެޝަން ތަކުގައި މުހިންމު ގިނަ މައުލޫމާތުތަކެއް ވަނީ ހިއްސާކުރައްވާފައެވެ.
ދަރިވަރުންނަށް ޚާއްޞަކުރެވުނު ސެޝަނުގައި ރައްކާތެރި ޢަބުރިވެރި ނަފުސެއް ބިނާކުރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ސައިބަރ ކްރައިމްތަކާއި އެހެނިހެން ކުށްތަކުން ރައްކާތެރިވެ އަމިއްލަ ނަފުސު ސަލާމަތް ކުރުމަށް ވަނީ ނަސޭޙަތްތެރިވެފައެވެ. މީގެ އިތުރުން ހަނގާކުރުމުގެ ނުބައިކަމާއި އެކަމުން ނިކުންނަ ނުބައި ނޭދެވޭ އަސަރުތަކާއި ބެހޭގޮތުންވަނީ ކުދިންނަށް މައުލޫމާތު ދެއްވާފައެވެ. އަދި ކުދިން އުޅޭމާހައުލުގައި ހިނގާ ނޭދެވޭ ކަންކަމުން ރައްކާތެރިވެ އެކަންކަން ހައްލުކުރުމަށް ދަރިވަރުންނަށް ކުރެވޭނީ ކޮންކަންތައްތަކެއްކަންވަނީ ކިޔައިދެއްވާފައެވެ.

ސަތޭކައަށްވުރެ ގިނަ ބެލެނިވެރިންނާއިއެކު ކުރިއަށްގެންދެވުނު ސެޝަނުގައި ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަލައި އެކަމާއި ގުޅޭގޮތުންވަނީ ވާހަކަދައްކަވާފައެވެ. އަދި ކުޑަކުދިން ބެލެހެއްޓުމުގައި ބެލެނިވެރިން ޢަމަލުކުރަންޖެހޭގޮތާއި ސަމާލުވާންޖެހޭ ކަންކަމާއިގުޅޭގޮތުންވަނީ މައުލޫމާތު ދެއްވަވާފައެވެ.
މީގެ އިތުރުން ކުދިންދެކެ ހަގީގީލޯބިވުމަކީ ކޮބައިކަމާއި ހަގީގަތުގައި ލޯބިވާންޖެހޭގޮތާއި ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ. ލޯބިވާކަން ހާމަކޮށްދިނުމަށް ކުޑަކުދިންނަށް އަގުބޮޑެތި މުދަލާއި ފޯނުފަދަ ތަކެތި ދިނުމުން ހަގީގަތުގައި އެކުދިންގެ ދިރިއުޅުމަށް އެދެވޭ ބަދަލަށްވުރެ ބޮޑަށް ނޭދެވޭ ބަދަލުތައް އަންނަކަންވަނީ ފާހަގަ ކުރައްވަވާފައެވެ.

ށ އަތޮޅުގެ ކައުންސިލާއި ށ އަތޮޅު ޕޮލިހާއި މިލަންދޫ ސުކޫލާއި ގުޅިގެން ޑީ.ޖޭ.ޖޭއިން ކުރިއަށްގެންދެވުނު ސެޝަންތަކުގައި ކުޑަކުދިންގެ ގާނޫނަކީ ކޮބައިކަމާއި އެޤާނޫނުގައި ހިމެނޭ ގިނަ ކަންކަންވަނީ ކިޔައިދެއްވާފައެވެ.

މިލަންދޫގައި ދާދިފަހުން ކުޑަކުދިންތަކެއްގެ ފަރާތުން ފެނިގެންދިޔަ ލާއިންސާނީ ޢަމަލަކާއި ގުޅިގެން މިލަންދޫއާއި މުޅި ށ އަތޮޅުގައިވެސް ހޭލުންތެރިކުރުވުމުގެ ގިނަ ހަރަކާތްތަކެއް އަންނަނީ ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!