ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާދަމާ އެ ޤައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްހޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވީ އިއްޔެ އެވެ. އަވަހާރަވިއިރު ޢުމުރު ފުޅަކީ 73 އަހަރެވެ.

Ad
rt

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ޔޫއޭއީގެ ރައީސް އަވަހާރަވުމާއި ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޞާލިޙް މާދަމާ ޔޫ.އޭ.އީ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވުމަށް ނިންމަވާފައިވާ ކަމަށެވެ.

ޝެއިޚް ޚަލީފާ ގެންދެވީ 2004 އިން ފެށިގެން ޔޫއޭއީގެ ރައީސް ގެ މަގާމު އަދާ ކުރައްވަމުންނެވެ. ނަމަވެސް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން އޭނާ އަދާކުރެއްވީ ރައީސްގެ ރަމްޒީ ރޯލެކެވެ.

ގައުމުގެ ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެއްބަފާކޮއްކޯފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ.

އެމަނިކުފާނުގެ އާއިލާގެ މިލްކިއްޔާތު 150 ބިލިއަން ޑޮލަރަށް އަރައެވެ. އެއީ ދުނިޔޭގެ އެންމެ މުއްސަނދި ވެރިންގެ ތެރޭގައި ހިމެނޭ އެކެކެވެ.[

އެމަނިކުފާނުއަވަހާރަވުމާ ގުޅިގެން ހިތާމަފާޅުކުރުމުގެ ގޮތުން އިއްޔެއިން ފެށިގެން 40 ދުވަސްވަންދެން ބައިދަނޑިއަށް އެ ގައުމުގެ ދިދަ ތިރިކޮށް، ތިން ދުވަހަށް ވަނީ ސަރުކާރު ބަންދުކޮށްފައެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ރާއްޖޭގެ ޤައުމީ ދިދަ މިއަދުން ފެށިގެން 3 ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.