އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ދައުވާލިބޭ މުހައްމަދު ރުސްތުމް މުޖްތަބާ އެ ކުށަށް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.

ތިނަދޫ މީހެއް ކަމަށްވާ ރުސްތުމް ސޯޝަލް މީޑިއާގައި މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި އޭނާގެ މައްޗަށް ކުރަނީ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދައުވާ އެވެ. އަދި އޭނާގެ ކޮޓަރިން ފެނުނު ހާޑް ޑިސްކެއްގައި އޮރިޔާން މަންޒަރު ހިމެނޭ ތަކެތި ފެނިފައިވާތީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް ކުރެ އެވެ.

Ad
rt

ކްރިމިނަލް ކޯޓުގައި ދައުވާ އިއްވުމުން ރުސްތުމް ބުނީ އޭނާ ބަންދު މުއްދަތު މަޖިލީހުގައި ވެސް ކުށަށް އެއްބަސްވި ގޮތަށް އެ ކުށަށް އެއްބަސްވާ ކަމަށެވެ. އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށް ބުންޏެވެ.

އޭނާއަށް ވަކީލަކު ހަމަޖައްސަން ދިން ފުރުސަތުގައި ވަކީލަކު ނުހޯދުމުން މައްސަލަ ކުރިއަށް ގެންދިޔައީ ވަކީލަކާ ނުލަ އެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް މިމަހު ބާއްވާނެ އެވެ.

ރުސްތުމްގެ މައްޗަށް ކުރާ ދައުވާގެ އަދަބަކީ ފަސް މަހުގެ ޖަލު ހުކުމެކެވެ.