މި ިސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކުގެ ވަރަށް އިސް ސަފުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ)ގެ ނަން ފާހަގަ ކުރައްވާ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުއްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ފަޔާއަށް ތާއީދުކުރައްވައި ވީޑިއޯ މެސެޖެއްގައި ގަޕޯ ވިދާޅުވީ، ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަޤާމަށް މީހަކު ހޮވާއިރު ވޯޓު ދޭންޖެހޭނީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ. އަދި އެއީ ވަކި މީހެއް ވީމައި ދޭންޖެހޭ ވޯޓެއް ނޫން ކަމަށާއި، ނުވަތަ ވަކި މީހެއް ބުނެގެން ދޭންޖެހޭ ވޯޓެއް ނޫން ކަމަށް ވިދާޅުވިއެވެ.
ގަޕޯ ވިދާޅުވީ، ޗެއާޕާސަންގެ މަޤާމަކީ ކޮންމެ މީހަކު ވެސް އެމީހެއްގެ ސިކުނޑީގެ ބޭނުންކޮށް ވިސްނައި، ކުރަން އުޅޭ މަސައްކަތަށް އެންމެ ޤާބިލު މީހާއަށް ހަވާލުކުރަން ޖެހޭ މަޤާމެއް ކަމަށެވެ. އަދި މީހާގެ ޤާބިލު މީހަކަށް ވެގެން ދަނީ ކަންކަމާ މީހާ ކުރިމަތިލާ ގޮތާއި، އެކަންކަން ހާސިލްކުރާ ގޮތާއި "ވިން ކުރުމަށް ހުންނަ ކަރޭޖާއި" މި ހުރިހާ އެއްޗަކަށް ބިނާކޮށް ކަމަށް ވިދާޅުވިއެވެ.
"މިސަރުކާރުން ހޯދަމުން މިދާ ކާމިޔާބުތަކުގައި ހަމަ ވަރަށް އިސް ސަފުގައި ފަޔާގެ ނަން އަޅުގަނޑުމެން ފާހަގަ ކުރަން، ފަޔާގެ މަސައްކަތް، ފަޔާގެ ކޮމިޓްމަންޓް އަޅުގަނޑުމެން ފާހަގަކުރަން، މިހުރިހާ ކަމެއްގައި ކޮށްދޭ އިޚްލާޞްތެރި މަސައްކަތް ފެންނަން އެބައޮތް" ގަޕޯ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހެޔޮ ހިތުން ޕާޓީއަށް ޓަކައި މަސައްކަތް ކުރާކަމަށްވަނަމަ، ސަރުކާރު ތެރޭ ހުރި މަސައްކަތް ވެސް އަދި ސަރުކާރުތެރޭގައި ހުރި ގޯސް ކަންތައްތައް ވެސް ހައްލުކުރަން ޖެހޭނީ ވަކިން އިށީނދެ އެކަންކަން ހައްލުކުރަން ޕާޓީގެ ތެރޭގައި މަސައްކަތް ކޮށްގެންކަމަށެވެ.
"އެމަސައްކަތްތައް ނުކޮށް އިދިކޮޅު ފަރާތްތަކާއި ގުޅިގެން ކަންކަން ކުރީމައި އެއީ ޕާޓީގެ ރޫހުގައި ނޫނީ ޕާޓީއަށް ހެޔޮ އެދިގެން ކުރާ މަސައްކަތެއް ނޫން، އެއީ ހަމަސީދާ 2023 ގެއްލުވާލަން، ޕާޓީގެ ވެރިކަންގެއްލުވާލުމަށްޓަކައި ހިންގަމުންދާ ބޮޑު ޖަރީމާއެއްއެއަކީ،" ގަޕޯ ވިދާޅުވިއެވެ.
"އަޅުގަނޑަށް އެހުރިހާ ކަމެއް ލޮލަށް ފެނިފައި މިހިރީ، އަޅުގަނޑަށް ވެސް އިނގޭ މީހުން ހެޔޮހިތުން އިޚްލާސްތެރިކޮށްކުރާ މަސައްކަތާއި އަޑީގައި ތިބެގެން މޫނުމަތިން އަނެއް ފަރާތަށް ބޯ އަނބުރައިގެންތިބެ ކުރާ މަސައްކަތް ފެނުނީމަ މިކޮންކަމެއް، އެ ކޮންކަމެއް މި ހަމަ ވަރަށް ސާފުކޮށްހުރި ކަންތައްތައް، މިއިން އެއްވެސް މީހަކަށް ފައިދާއެއް ނުވާނެ" ގަޕޯ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު އޮންނާނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި، ބޮޑުތިލަދުންމަތީގެ އެމްޑީޕީއަށް ނިސްބަތްވާ ހުރިހާ މަޖިލިސް މެންބަރުންގެ ތާއީދުކުރާކަން ހާމަކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފަޔާ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!