ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުއާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި ދެ ޤައުމުގެ ދެމެދު ދެމުން އަންނަ އެއްބާރުލުމުގެ މައްޗަށް ދެބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ.

Ad
rt

މިގޮތުން ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި ޖަޕާނާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ބަދަހި ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ޖަޕާނުން ރާއްޖެއާ އެކު މަސައްކަތްކުރާއިރު، އިޤްތިޞާދު ސިންދަފާތު ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތައް މެނޭޖްކުރުމުގެ ދާއިރާއަކީ ޚާއްޞަ އިސްކަމެއްދޭ ދާއިރާތައްކަން ފާހަގަކުރެއްވިއެވެ.

ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި ވަނީ މި މަހުގެ 19 ވަނަ ދުވަހު ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު އާއިވެސް ބައްދަލު ކުރައްވާފައެވެ.

މި އަހަރަކީ ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 55 އަހަރު ފުރޭ އަހަރެވެ. ދިވެހި ރާއްޖެއާ ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1967 ވަނަ އަހަރުގައެވެ.