ޙަމްޒަތުގެފާނާއި ޢަބްދުاللهِ ބިން ޖުދްޢާނު މިނިވަންކުޅަ ޖާރިޔާ އާއިދެމެދު ދެކެވުނު ވާހަކަތައް

ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ރަޙިމަހުﷲ ލިޔުއްވި "ކީރިތި ރަސޫލާގެ ސިޔަރަތު" ފޮތަކީ، ދިވެހީން މޮށެއުޅުނު ރީތި ބަސްމަގެއްގެ އާދަޔާ ޚިލާފު ތާރީޚީ ބަޔާނެއްވެސް މެއެވެ. މިފޮތް ލިޔުއްވައި ނިންމެވިތާ މިއަހަރަށް 87 އަހަރު ފުރޭ އިރު، އަޅުގަނޑުމެންގެ ޅައިރުގައި ތިބި އަޅުގަނޑުމެންގެ މުސްކުޅި ކާފައިންނާއި، މާމައިންނާއި، ބޭބެއިންނާއި، ދައިތައިން، އެބައިމީހުންގެ އާންމު ދިރިއުޅުމުގައި މިކަހަލަ ރީތި، ސާދާ ބަސްމަގަކުން މޮށެއުޅޭތީ އަޅުގަނޑުމެން ދުށީމެވެ. އަޅުގަނޑުމެންގެ ކަންފަތްތަކަށް ސިޔަރަތު ހަމަ އަޑުއިވޭ އިރަށް އެބައިމީހުންގެ ހަނދާންތަކާއި އަޅުގަނޑުމެންގެ ޅައިރުގެ ތާޒާ ހަނދާންތައް އާވެ އާލާވެގެން ދެއެވެ.

Ad
rt

އަދި މިސިޔަރަތުގައި ވެޔޭ ވަކިން ބޮޑަށް އޭގެ މާނަ އަޅުގަނޑުމެންގެ ހިތްތަކަށް ފަހުމްވެގަތުމަށް ފަސޭހަ، ރިވެތިކަން ވެސް މާއިތުރު، ހަނދާންތައް ގެނެސްދިނުން ވެސް މާބޮޑު، އަޅުގަނޑުމެންގެ އޭރުގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ އިބާރާތްތަކެއް. އަދި މިއިބާރާތްތަކުން ކުރާ އަސަރުވެސް އެހައިމެ ބޮޑެވެ. މިތާގައި މިނަކަލު ކޮށްލަނީ ޞަލާޙުއްދީނުގެ ސިޔަރަތު ފޮތު (1937މ.) ގެ އެފަދަ އިބާރާތްކޮޅެކެވެ.

އެއީ ޙަމްޒަތުގެ ފާނުން އިސްލާމްވީ ކަންތަކުގެ ވާހަކަ ބަޔާންކުޅަ ތަނުގައި އަންނަ ވާހަކަ އެކެވެ. ޢަބްދުاللهِ ބިން ޖުދްޢާނު މިނިވަންކުޅަ ޖާރިޔާ އާއި ޙަމްޒަތުގެފާނާ ދެމެދު ދެކެވުނު ވާހަކަތަކެކެވެ. މިވާހަކަތައް، ޒައިނީ ދަޙްލާނުގެ ފޮތުގައި ބަޔާން ކުރެވިފައިވާ އޮތް ގޮތް މިލިޔުމާއެކުގައިވާ ފޮޓޯގައި އެވަނީއެވެ. އަދި ﷲ ގެ އިސްމުފުޅު ފިޔަވައި ޞަލާޙުއްދީނުގެ ސިޔަރަތު ފޮތުގައި ޢަރަބި އަކުރުން ހުރި ލަފުޒުތަށް އަޅުގަނޑު ވާނީ ތާނައަކުރަށް ބަދަލުކޮށްލައިފައެވެ.

"އެކަމަކީ. އިބްނު އިސްޙާޤު މިފަދައިން ރިވާކުރައްވާ ވާހަކައެވެ.. އެކަލޭގެފާނުން ވިދާޅުވިޔޭ. އަސްލަމު ވަންހައިގެ މީހަކު ތިމަންނާޔަށް މިވާހަކަ މިހެން ޚަބަރު ކުޅައެވެ..

އެއްދުވަހަކު އަބޫ ޖަހްލު. އިތުރު ރަސޫލުﷲ ގެފާނާއި. ޞަފާޔާއި ހަމައިން ބައްދަލުވެގެން. އެކަލޭގެފާނާއި ދިމާޔަށް ހިތްފުޅާނުވާނޭ ދެބަހެއް ބުނެލައިފައި އެކަލޭގެފާނުން ވަޑައިގަތީމާ. އޭނާގެ ގާތުގައިވާ މީހުންގެ ގާތުގައި. ވަރަށް ހުތުރު އެއްޗެތި ގޮވަމުންގޮސް ޙަރަމްފުޅަށް ވަދެ. އޭނާގެ މަޖްލިސްގައި އިށީދެއްޖެއެވެ: އެކަލޭގެފާނުން ހަމައެކައްޗެއް ވިދާޅުނުވެ ވަޑައިގަތީއެވެ..

މިކަންތައް ދެކޭން ޢަބްދުاللهِ ބިން ޖުދްޢާނު މިނިވަންކުޅަ ޖާރިޔާޔަކު އިނެވެ.. މިކަމަނާ މިކަމާ ޙައިރާންވެ ފިކުރުކުރާން އިންދައި. ޙަމްޒަތުގެފާނުން ފުއްލާ ކެޔޮޅުކަމު ވަޑައިގެންފައި. ދުނިދަޑި ބާސްކީލިން އަޅުއްވައިގެން ހަތިޔާރުތައް ހިއްފަވައިގެން މިމަގުން އެބަ ވަޑައިގަނެއެވެ.. އެކަލޭގެފާނުންގެ އާދައަކީ. މިހެން ވަޑައިގަތަސް ފުރަތަމަޔަށް ގެފުޅުގެ އަރިހަށް ވަޑައިގެން ޠަވާފުކުރައްވައިފައި ނޫނީ ގެޔަށް ވަޑައިނުގަތުމެވެ: މިހެންވެ މިމަގުން ވަޑައިގެން. އެއްކަލަ ކަމަނާއާއި އަރައި ހަމަވީތަނާ. އެކަމަނާ އެކަލޭގެފާނުން ހިންގަވާ ފަރިކަން ދެކެފައި. ޒާތަކަށް ހީފައި އަމުދުންވެސް މޮޅެއް ނޫންތާއޭ. މިޒާތަކުގެ އެއްޗެއް ބުނެލައިފިއެވެ..

މިބަހުގެ އެއްބުރި އިވިވަޑައިގަނެގެން ވަރަށް ކޯފާވެގެން ހުއްޓިވަޑައިގެން ލޯފުޅު ރަތްކުރައްވައިފައި ވިދާޅުވިޔޭ. ކަމަނާ ތިޔަބުނީ ކީކޭހޭ. ކަބުލޭގެޔަކީ. ކާކުހޭ. ތިމަން ފަހެ ނުދަންނަނީހޭ. ތިޔަހެން މީހުން މިނިވަންކޮށްފައި ތިބޭ ރަޑާލި އަންހެނުން ތިމަންމެންފަދަ މީހުނަށް ވެސް އެއްޗެތި ބުނެއުޅެން ހެއްޔެވެ.. ކުޑަކޮށް ބުރުޞޫރަ ރީތިވެލައިފައި އިނީމާ ތިޔަ ހިތަށް އަރަނީ ކީކޭހެއްޔެވެ.. މިރަށުގައި މިހައި ވަރަށް ގޮތްނެތުނީ ކޮންއިރަކު ހެއްޔެވެ..

އެކަމަނާ ދެންނެވިޔޭ. މާފުކުރަށްވާށޭ. އަޅުގަޑު ކަލޭގެފާނުން ރަގަޅަށް ދަންނަމެވެ.. ގޮތްނެތުނު ވާހަކަފުޅު. ތިޔަ ވިދާޅުވީ. ގޮތްނެތުނު އިރެއް ނޭގުނަކަސް ގޮތެއްނެތިއްޖެކަން އަޅުގަޑަށް ވެސް އެގެޔޭ. ދެންމެގައި އަޅުގަޑުގެ ލޮލުން ދުށް ތަނަކީ. އެއުޅޭ ދެކަންގަޑުލީ ފަގުޑިއެޅި. އަބުލްޙަކަމް ބުން ހުޝާމް މިމަގުން ދަމުން ތިޔަބެއިފުޅުންގެ މުޙައްމަދުގެ ފާނަށް އޭނާ ހިތަށް އައިހައި އެއްޗެއް ގޮވަމުންގޮސް ޙަރަމްފުޅަށް އެވަންނަނީއޭ. އެކަލޭގެ ފާނުން ހަމައެކައްޗެއް ވިދާޅުނުވެ. ވަޑައިގަތީ އެވެ.. މިހެންވީ އިރު ގޮތެއްވާ. ނެއްތާއެވެ.. ދެންހަމަ މިތަންވަޅު ކަލޭގެފާނުން ތިޔަ ހިސާބުގެ ފަތަރާސީ ހިންގެވުމެއްގައި ވަޑައިގަންނަވަނިކޮށް ފެނިފައި އަޅުގަޑުގެ ދޫމައްޗަށް އިސްވީ ބަހަކުގެ އެއްބުރި ތިޔައެއްސެވީ ތާޔޭ. ހިތަށް އަރައިފައި އިން ތަކެތި އަދިމާ ގިނަޔޭ. ނުބުނީވިއްޔަކާ. އަޑެއް ނުއިވޭނެޔޭ. އަޅުގަޑުމެން ކަހަލަ ދެރަ ނިކަމެތި ރަޑާލި މީހުން އަގަގޮއްވަވާން އެކުން ބޮޑަށް ނުއުޅުއްވާށެވެ.. މަގު ތިޔަ އޮތީޔޭ. ޖައްސަވާނޭ ވައްތަރެއް ޖައްސަވަމުން ވަޑައިގަންނަވާށެވެ..

ދެންފަހެ އެކަލޭގެފާނުން ވަރަށް ކޯފާއިސްވެގެން ވިދާޅުވިޔޭ. ތިޔަ އަބުލްޙަކަމަށް ހަދައިލާ ގޮތް ދެކޭން. ކަމަނާވެސް އަންނާނީ ވިއްޔާ އަންނާށޭ.

މިހެން ވިދާޅުވެފައި ޙަރަމްފުޅުގެ ތެރެޔަށް ވަދެވަޑައިގެން. އަބޫޖަހްލުގެ މަޖުލިސަށް ވަޑައިގެން. ދުނިދަޑި ނަންގަވައިގެން އޭނާގެ ބޮލުގައި ޖެއްސެވި ޖެއްސެވީން ވަރަށް ބޮޑުކޮށް ފަޅައިލައްވައި ލޭގަޑު އޮހިގަތީމާ ވިދާޅުވިޔޭ. ހިތުހުރި ގޮތަކަށް ތިޔަހަރަ އުޅެނީ. މަވެސް މިހުރީ އެކަލޭގެފާނުންގެ ދީނުގައެވެ.. އެކަލޭގެފާނުން އެވިދާޅުވާ ތަކެއްޗަކީ މަވެސް ކިޔާ ތަކެއްޗެވެ.. ނިކަން އަހަރެންނާ ދިމާޔަށް ތިޔަ ކިޔާ ތަކެއްޗެއް ކިޔާބަލާށެވެ.. ޒުވާބުދޭނީ އަގަޔަކުންނޫނެވެ..

އަބޫޖަހްލު ދެންނެވިޔޭ. ނިކަން ކޯފާމަޑުކުރައްވާށޭ. ހެއިފުޅުއަރާށޭ. ތިމަން ތިޔަހާ ކަމެއް އަދި ނުކުރަމޭ. އެކަލޭގެފާނުން ކާބަފައިންނަށް އެމީހުންނަކީ މޮޔައިންނޭ ވިދާޅުވެ. މިއޮތް ހުރިހައި އިލާހުންތަކަށް ނުބައިބަސް ވިދާޅުވާ އިރުވެސް ވީ އެކައްޗެއްވެސް ނުބުނާންތޯއެވެ..

ވިދާޅުވިޔޭ އާޔެކޭ. ހިލަޔަށް އަޅުކަންކުރާ ބަޔަކަށް މޮޔަ ކިޔަކަސް އެއްޗެއް ބުނާނޭކަމެއް ނެތެވެ: ދެން އަބޫޖަހްލު ދެރަވީވަރު ދެކެވަޑައިގެން ކޯފާމަޑުވެގެން ޠަވާފު ކުރައްވައިގެން ގަޑުވަރަށް ވަޑައިގެންފިއެވެ..

ވަޑައިގަތް މަގުމަތީގައި ހިތްފުޅަށް އަރަޔޭ. މިކުރެވުނީ އަނެއްކާ ކޮންފަދަ ކަމެއްބާވަޔެވެ.. އެކަލޭގެފާނުންގެ ދީނަކީ ކޮންކަހަލަ ދީނެއްވެސް ބާވަޔެވެ.. އެކަމަކު އެދީނަށް ވަދެއްޖައިން ކަމަށް އެފަދަ މަޖްލިސެއްގައި ބުނެފައި ދެން ނުވަންނަކަމަށް ހެދުމަކީ ބަސް ދެރަވާކަމެކޭ. މިލައިގަތީ ވަރަށް ބޮޑުކަމެކެވެ.."

މިހިސާބަށް ކުރުކޮށްލީމެވެ.