އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި އެޅުމަށް ގެނެސްފައިވާ ޓާފް އިއްޔެ އަޅަން ފަށާފައިވާއިރު، އެ ޓާފާއި ގުޅިގެން އެރަށުގެ ޒުވާނުންތަކެއް ވަނީ އެމީހުންގެ ކަންބޮޑުވުން ކައުންސިލާއި ހިއްސާކޮށްފައި ކަމަށާއި، އެކަން ބޮޑުވުންތައް އަންނަ އާދީތައް ދުވަހު ސަރުކާރާއި ރަސްމީކޮށް ހިއްސާކުރަށްވާނެ ކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އިހަވަންދޫ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ދަނޑުގައި ޓާފް އަޅަން ފެށުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެފައި ވަނީ، އިހަވަންދޫޒުވާނުން ހިރަފުސް ވެލިގަނޑުގައި ކުޅޭތާއެތަށް އަހަރެއްވެއްޖެ ކަމަށާއި، ނިމިދިޔަ ސަރުކާރުތަކަށް އެއީ މާބޮޑުކަމަކަށްނުވި ކަމަށެވެ.

Ad
rt

އެހެންނަމަވެސް ރައީސް އިބުރާހިމް މުޙައްމަދު ސޯލިހުއަށް އެއީކީ ބަލާގަނެވޭނެކަމަކަށްނުވިކަމަށާއި، ރައީސްގެ ވައުދާއެއްގޮތަށް ބޮޑުދަނޑުގައި ޓާފުއެޅުމުގެ އެެއްމެފަހުގެ މަސައްކަތްތަށް ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ދަނޑުގައި އަޅަން ގެނެސްފައިހުރި ޓާފް ރޯލްތަކުން ރޯލެއްގައި މީހަކު ކަޓަރު އަޅައި އެ ޓާފް ރޯލް ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށްލި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

ޓާފް އަޅަންފެށުމާއި ގުޅިގެން މުހައްމަދު އަބުދުއްލަތީފް ކިޔާ އެރަށުގެ ޒުވާނަކު ފޭސްބުކްގައި ޝުޢޫރު ފާޅުކުރަމުން ބުނެފައި ވަނީ، ބަޔަކު ރުޅިޔާއި ނަފުރަތުގެ ޖަޒުބާތުގަ ޖެހި ދަނޑައް ގެނެސްފައިވާ ޓާފުތައް ކުދި ކުދި ކޮށް ބުރި ބުރި ކުރިކަމުގައި ވީނަމަވެސް ދަނޑުގައި ޓާފު ފެތުުރުމުގެ މަސައްކަތް ޖޯޝާއި ފޯރީގައި ފަށާފައިވާ ކަމަށެވެ.

"‏ގޯސްވާނީ ގޯހަށް! ކޮންމެބަޔަކު ކުރިޔަސް! ‏ފިކުރުގައި ދެބަސްވިޔަސް ރަށުތަރައްގީއައް ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރަމުން އަންނަ މަސައްކަތް ތަކަށް ނަފުރަތުކޮށް، ނަފުރަތު އުފައްދައި، އެފަދަ މަސައްކަތް ތަކައް ގެނެވިފައިވާ ރައްޔިތުންގެ މުދަލައް ގެއްލުންދީ އެފަދަ ކަންކަން ކުރަފަރާތް ތަކަށް ހިތްވަރު ދީ ހެދުމަކީ ބަލާ ގަނެވޭނެ ކަމެއް ނޫން، މީ މިރަށައް ހެވެއްއެދޭނެ ބަޔަކު ކުރާނެވެސް ކަމެއް ނޫން" އޭނާ ބުނެފައި ވެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަދި ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޞަބާޙް "ތިލަދުން"އަށް ވިދާޅުވީ، އެ ޓާފް ރޯލުގައި ކަޓަރުއެޅި އެޅުން އެ ކައުންސިލުން ބަލައި ނުގަންނަކަމަށާއި، އެ ކަން ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލް މެންބަރު އަހްމަދު ރިޟްވާން "ތިލަދުން"އަށް ވިދާޅުވީ، ދަނޑުގައި އަޅާ ޓާފާމެދު ރަށުގެ ގިނަ ޒުވާނުންތަކެއްގެ ހިތްހަމަ ނުޖެހުން ހުރިކަމަށެވެ. އޭނާ ވިދާޅުވީ އެއީ ދޭހާ އަތްވާއި ވާރޭގައި އެތައް ދުވަހެން ވަންދެން ޓާފް ނާޅައި ބަހައްޓާފައި ހުރި ޓާފްތަކެއްކަމުން އެ ޒުވާނުންގެ ހިތްހަމަނުޖެހުމަކީ އެ ޓާފްތަކުގެ މިހާރުގެ ހާލަތު ކަމަށް ވިދާޅުވިއެވެ.

"އިހަވަންދޫ ކައުންސިލަކީ ވެސް ޒުވާނުންނަކީ ވެސް ތަރައްޤީއަށް ހުރަސްއަޅާނެ ބަޔެއްނޫން، ތަރައްޤީގެ ހުރިހާ ކަމެއްގައި ވެސް އަޅުގަނޑުމެންގެ އެއްބާރުލުން ލިބޭނެ، އެކަމު ކުރާ ކަންކަން ވާންޖެހޭނީ ދެމެހެއްޓެނިވި، އެކަމެއްގެ ފައިދާ އެންމެ ރަނގަޅަށް ކުރާގޮތަށް ކުރެވޭ ކަންކަމަށް" ރިޟްވާން ވިދާޅުވިއެވެ.

ޓާފްގެ ހާލަތާމެދު ކަންބޮޑުވުންފާޅުކުރި ޒުވާނަކު ފޭސްބުކްގައި އާންމުކޮށްފައިވާ ފޮޓޯއެއް،

އޭނާ ވިދާޅުވީ، އެ ޓާފްތަކާމެދު ހިތްހަމަނުޖެހޭ ޒުވާނުން އެމީހުންގެ ކަންބޮޑުވުންތައް ކައުންސިލާއި ބައްދަލުކޮށް ހިއްސާ ކުރިކަމަށެވެ. އަދި އެކަން ބޮޑުވުންތަކަކީ އެތައް ދުވަހެއްވަންދެން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކެއް ކަމަށާއި، މިދިޔަ އަހަރު އޮކްޓޯބަރު މަހުގައި ކައުންސިލްގެ ފަރާތުން މާލެއަށް ކުރި ދަތުރުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙުސައިން އިސްމާޢީލްއަށް ވެސް މިކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކިފަހަރުމަތިން މިވާހަކަ ދެއްކިއްޖެ، ކަންބޮޑުވުން އޮތް ޒުވާނުންގެ ވާހަކައަކީ ޓާފްތައް ދަނޑުގައި ނާޅާ އެހެންހުރެ އެތައް ދުވަހެއްވެ އޭގެ ކޮލިޓީ މިހާރު ނެތްކަން، ފީވެ ހަލާކުވަމުން އަންނަކަން، މިކަހަލަ ޓާފެއް އަޅައިގެން ދަނޑުގައި ކުޅޭ ޒުވާނުންނަށް އަނިޔާވުން ވެސް އިންތިހާއަށް އިތުރުވާނެ، މިފަދަ ކަންބޮޑުވުންތައް ޒުވާނުން ވަނީ މިހާރު ކައުންސިލާ ހިއްސާކޮށްފައި" ރިޟްވާން ވިދާޅުވިއެވެ.

މިކަމާއިގުޅިގެން އިހަވަންދޫ ކައުންސިލްގެ ރައީސް ޞަބާޙް ވިދާޅުވީ، އެ ކަންބޮޑުވުންތައް މީގެ ކުރިންވެސް ފާހަގަ ކުރެވިފައިވާ ކަމަށާއި، ކަންބޮޑުވުންތައް ހިއްސާކުރި ޒުވާނުންގެ ކަންބޮޑުވުންތައް އަންނަ އާދީއްތަ ދުވަހު ރައީސުލްޖުމްޙޫރިއްތާގެ އޮފީހަށާއި، ޔޫތު މިނިސްޓްރީއަށް ރަސްމީކޮށް ފޮނުވާނެ ކަމަށެވެ.