ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައީސްގެ ޤަރާރަކުން ހަނިކުރެވޭނެ އެއްޗެއްނޫންކަމަށާއި، ރައީސްގެ ޤަރާރާއެކު ރާއްޖެ މިވަނީ ތިރީސް އަހަރު ފަހަތަށް ސޮއްސާލާފައި ކަމަށް، ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
އިންޑިއާއި މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވުމާއެކު، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިއްޔެ ވަނީ ގަރާރެއް ނެރުއްވާފައެވެ.
މި ޤަރާރާއެކު އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުންތައް ވަރަށް ބޮޑަށް ސަރުކާރަށް ވަނީ އަމާޒު ވެފައެވެ. ޤަރާރާއެކު އިދިކޮޅާއި އަދި އެނޫން ވެސް ބައެއް ފަރާތްތަކުގެ ޚިޔާލުތަކުން މީސް މީޑިއާ ދަނީ ބަންޑުން ވަމުންނެވެ.
ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސްގެ ޤަރާރު ޤާނޫނުއަސާސީއާއި ޚިލާފް ކަމަށާއި، ޤާނޫނުއަސާސީން ކަށަވަރުވެފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައީސްގެ ޤަރާރަކުން ހަނިކުރެވޭނެ އެއްޗެއްނޫން ކަމަށެވެ.
"އިންޑިއާއައުޓޭ ކިޔާ ޓީވީތަކާއި ނޫސްތައް، އިންޑިއާގެ ނުފޫޒުން ނެރޭ ރައީސްގެ ޤަރާރަކުން މާދަމާ ބަންދުކޮށްފާނެ. ރާއްޖެ މިވެއްޓުނީ 30 އަހަރު ފަހަތަށް." ލަތީފް ވިދާޅުވެފައި ވެއެވެ.
ރައީސްގެ ޤަރާރު ޤއއާ ޚިލާފު. ޤއއިން ކަށަވަރުވެފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައީސްގެ ޤަރާރަކުން ހަނިކުރެވޭނެ އެއްޗެއްނޫން. އިންޑިއާއައުޓޭ ކިޔާ ޓީވީތަކާއި ނޫސްތައް، އިންޑިއާގެ ނުފޫޒުން ނެރޭ ރައީސްގެ ޤަރާރަކުން މާދަމާ ބަންދުކޮށްފާނެ. ރާއްޖެ މިވެއްޓުނީ 30 އަހަރު ފަހަތަށް.
— Abdul Latheef (@funamalatheef) April 21, 2022
ރައީސްގެ މި ގަރާރު ބާތިލްކޮށްދިނުމަށް އެދި އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން އިއްޔެ ވަނީ ބުނެފައެވެ.
ރައީސްގެ މި ޤަރާރަށްފަހު، ކޯޓު އަމުރެއްގެ ދަށުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެއާއި ޕީޕީއެމްގެ އޮފީހާއި އަދިވެސް ބައެއް އެހެން ތަންތަނުގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ފުލުހުން އިއްޔެ ވަނީ ނަގާފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!