ރަމަޟާން މަހު ރޯދަ ފަރުޟު ވެގެން އައިއިރު ރޯދަހިފުމަކީ އިޚްތިޔާރީ ކަމެކެވެ.

C75BFEF1-552A-4A9C-AC6A-DA9D3A72399E

މާތް ﷲ އެންމެ ފުރަތަމަ ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވި އިރު ޞަޙާބީންނަށް ރޯދަ ހިފުމާއި ފިދުޔަ ދިނުމާ ދެމެދު އިޚިތިޔާރު ދެވުނެވެ.

ބަޤަރާ ސޫރަތުގައި ރަމަޟާން މަހުގެ ރޯދައާ ގުޅިގެން އައިސްފައިވާ އާޔަތްތަކުގައި މިކަން މާތް ﷲ ޛިކުރު ކުރައްވާފައިވެއެވެ. އެގޮތުން، މި އުންމަތުގެ މައްޗަށް ރޯދަ ފަރުޟު ވެއްޖެކަން ބަޔާން ކުރެއްވުމަށްފަހު ޖެހިގެން ވާ އާޔަތުގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ. (وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ މާނަ: "އަދި އެކަމަށް (ރޯދަ ހިފުމަށް) ކުޅަދާނަވެއްޖެ މީހާއަށްވަނީ މިސްކީނަކަށް ކާންދީގެން ފިދުޔަ ދިނުމެވެ.")

މިއީ މިއާޔަތުގެ ލަފްޒީ މާނައެވެ. ނަމަވެސް ތަރުޖަމާ ތަކުގައި މި އާޔަތުގެ މާނަ ގެނެސްފައި ވަނީ ޙުކުމް ބަދަލުވެފައިވާ ގޮތަށް ރިޢާޔަތް ކުރުމަށްފަހު ޖުމްލަ މާނައެވެ. އެގޮތުން ރާއްޖޭގައި ސަރުކާރުން ފާސް ކުރެވިގެން ނެރެފައިވާ ޤުރްއާން ތަރުޖަމާގައި ވަނީ: "އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ."

ކޮންމެއަކަސް ﷲގެ މިވަޙީ ބަސްފުޅުގެ ތަފްސީރަށް ބަލާލާއިރު އަޅުގަނޑުމެންނަށް އިތުރު ތަފްޞީލުތަކެއް ލިބިގެންދެއެވެ. އެގޮތުން ތަފްޞީރު ޢިލްމުވެރިޔާ އަލްއިމާމް އައްސަޢުދީ މިއާޔަތުގެ ތަފްސީރުގައި ލިޔުއްވާފައިވެއެވެ.

"(وَعَلَى الَّذِينَ يُطِيقُونَهُ) މާނައަކީ ރޯދަ ހިފުމަށް ކުޅަދާނަ ވެއްޖެ މީހާއެވެ.( فِدْيَةٌ) ރޯދަ ދޫކޮށްލާ ކޮންމެ ދުވަކަހަށް ވަނީ ފިދުޔަ ދިނުމެވެ. (طَعَامُ مِسْكِينٍ މާނަ: މިސްކީނަކަށް ކާންދީގެންނެވެ.) މިފަދައިން ވީ (އެބަހީ: ރޯދަ ހިފުމަށް ކުޅަދާނަވެއްޖެ މީހާއަށްވަނީ މިސްކީނަކަށް ކާންދީގެން ފިދުޔަ ދިނުން) މިކަން މިހެން އޮތީ ރޯދަ ފަރުޟު ވެގެން އައި އިރު އެވެ. އޭރު މީސްތަކުން ވީ ރޯދަ ހިފުމަށް އާދަވެފައެއް ނޫނެވެ. އެހެންކަމުން ރޯދަ ހިފުން (އިޚްތިޔާރެއްނެތި) ލާޒިމުވެގެންވާ ޙާލު ފަރުޟުވެއްޖެ ނަމަ، މީސްތަކުންނަށް މިކަންވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. ޙަކީމްވަންތަ ރައްބު، ފަސޭހަ މަގަކުން ތަދައްރުޖުކޮށް (ރޯދަ ފަރުޟު ކުރެއްވީއެވެ.) އަދި އެކަމަށް ކުޅަދާނަ ވެގެންވާ މީހާއަށް ރޯދަ ހިފުމާއި ފިދުޔަ ދިނުމާއި ދެމެދުގައި އިޚްތިޔާރު ދެއްވިއެވެ.

އެހެންނަމަވެސް އިޚްތިޔާރު އޮތް ކަމުގައި ވީނަމަވެސް ރޯދަ ހިފުން އެބައިމީހުންގެ މައްޗަށް ވެސް ހެޔޮކަން ބޮޑުވެގެންވާ ކަން އެއިލާހު ހަމަ އެއާޔަތުގައި ވަޙީ ކުރެއްވިއެވެ. އެއީ: (وَأَن تَصُومُوا خَيْرٌ لَّكُمْ މާނަ: އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.) ދެން ފަހުން އިޚްތިޔާރު ލިބުމަކާ ނުލާ ރޯދަ ފަރުޟުވެގެން އައެވެ." އަދ އިމާމް އިބްނު ކަޘީރު މިއާޔަތުގެ ތަފްސީރުގައި، މިއީ ރޯދަ ފަރުޟު ކުރެއްވުމު މަރުޙަލާތަކުގެ ތެރެއިން ދެވަނަ މަރުޙަލާ ކަމުގައި ލިޔުއްވާފައި ވެއެވެ.

މިއާޔަތުގައި ރޯދަ ހިފުމަށް އިޚްތިޔާރު ދެއްވާފައިވާ ބައި މަންސޫޚުވެގެން ދިޔައީ ޖެހިގެންވާ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ވަޙީބަސްފުޅަކުންނެވެ. އެއީ: (فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ މާނަ: ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! ) މިވަޙީބަސްފުޅުގައި އެއިލާހު ވަނީ ރަމަޟާން މަހާ ބައްދަލު ވެއްޖެ މީހާއަށް އެމަހުގެ ރޯދަ ހިފުމަށް އަމުރު ކުރައްވާފައެވެ.

އަމްރުގެ ސީޣާގައި ސަރީޙަ ޢިބާރާތުން މިއާޔަތް ބާވައިލެއްވުމާއެކު ކުރީގެ އާޔަތުގައި އިޚްތިޔާރު ދެވުނު ޙުކުމް މަންސޫޚުވެ. ކުޅަދާނަކަން ލިބިގެންވާ މީހާ ރޯދަ ހިފުން އިޚްތިޔާރަކާ ނުލާ ފަރުޟުކަމަކަށް ވިއެވެ. އަދި ބަލި ޙާލަތު ހުރި ގޮތުން ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ދެން ރޯދަ ނުހިފިދާނެ ފަދަ މީހުންނަށް ފިދުޔަ ދިނުމުގެ ޙުކުމް ބަދަލު ނުވެ އޮތެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *