މީގެ 10 އަހަރު ކުރިން މާލޭގައި މަރާލި ގ. ވޭރު އަބްދުލްމުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ އޭނާގެ ދެ ގާތިލުންނަށް ވަކީލުން ހޯދަން އެންމެ ފަހުގެ ފުރުސަތު ހައި ކޯޓުން މިއަދު ދީފި އެވެ.

ފެބްރުއަރީ، 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ ބޮބީ މަރާލި މައްސަލާގައި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށް ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވީ 2019 ވަނަ އަހަރު އެވެ.

Ad
rt

އެ މައްސަަލާގެ އިސްތިއުނާފް ހައި ކޯޓުން ފެށީ އެ ހާދިސާއަށް 10 އަހަރުވީ ފަހުން މިއަދެވެ. އަޑުއެހުން ފެށުމުން މުހުޖަތާއި މައިމޫން ވެސް އެދުނީ ކުރިން ހަމަޖެއްސި ވަކީލު ކޯޓަށް ނާންނާތީ ވަކީލުން ހަމަޖައްސަން އިތުރު ފުރުސަތަކަށެވެ.

ފަނޑިޔާރުންގެ ބެންޗުން އެ ފުރުސަތު ދެއްވި އެވެ.

އެކަމަކު އެ މައްސަލައަކީ ގިނަ ދުވަސްވެފައިވާ މައްސަލައަކަށް ވާތީ އެއީ އެންމެ ފަހުގެ ފުރުސަތު ކަމަށް ވިދާޅުވި އެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ވަކީލަކު ނެތަސް، އަޑުއެހުންތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

ބޮބީގެ މަރާ ގުޅިގެން އިތުރު ދެ ކުއްޖަކު މަރަން ވެސް ޖުވެނައިލް ކޯޓުން ހުކުމްކުރި އެވެ. އެ މައްސަލަ ހައި ކޯޓުން އެ މީހުންނާ ދެކޮޅަށް ނިމި، އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.