ވާހަކަ: އެންމެންނެއް ނުރުއްސޭނެއެވެ.

A Donkey to Market

ޢަބްދުﷲ ސަޢީދު

ޢަބްދުﷲ ސަޢީދު

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

އެއް ސަހަރެއްގައި މުސްކުޅި ދަނޑުވެރިޔަކު އުޅުނެވެ. ފައިސާ ހުސްވެ އަތްމަތި ދަތިވެގެން ދަނޑުގައި ގެންގުޅުނު ހިމާރު ވިއްކާލަން ނިންމިއެވެ. އެ އަވަށަށްވުރެ ރަނގަޅު އަގެއް ލިބޭނީ ތަންކޮޅެއް ދުރުގައި އޮންނަ ސަހަރަކަށް ގޮސްގެން ކަމަށްވާތީ އޭނާގެ ފިރިހެން ދަރިފުޅު ގޮވައިގެން ހިމާރު ވިއްކާލަންދާން ނިކުތެވެ.

ގެއިން ނުކުމެގެން ދެވުނީ ހަމަ ތަންކޮޅަކަށެވެ. އަވަށުގެ ބަޔަކާ ދިމާވެގެން ބުންޏެވެ. މިތިބަ ދާ ދެބަފައިންގެ މޮޔަކަމާއެވެ. ހިމާރެއް އޮވެމެ، މެންދުރުގެ މިއޮތް ގަދަ ހޫނުގައި އެ ދަނީ ހިނގާފައެވެ. އެހެން އެ މީހުން ގޮވާ މަލާމާތް ކުރަން ފެށުމުން ހިމާރުގެ މައްޗަށް ދަރިފުޅު އަރުވައިގެން ދަނޑުވެރިޔާ ހިމާރުގެ ވާފަށުގައި ހިފައިގެން ހިނގައިގަތެވެ.

ތަންކޮޅަށް ދެވުނު ތަނާ އަވަށުގެ އެހެން ބަޔަކާ ދިމާވެގެން ބުންޏެވެ. މީނަ ކުއްޖާގެ ގޮތެއް ނެތް ކަމާއެވެ. އޭނާގެ ގައިބާރު ދެރަ ބައްޕަ ހިނގާފައިދާއިރު ހިމާރުމައްޗަށް ސަވާރުވެގެން އިންނާކަށް މި ކުއްޖާ ލަދެއް ވެސް ނުގަނެއެވެ. އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާއި އެ މީހުންގެ ހުރުމަތް ކޮބައި ހެއްޔެވެ؟ މީހުން އެހެން ގޮވަން ފެށުމުން އެ ކުއްޖާ ހިމާރުމަތިން ފޭބިއެވެ. އަދި ދަނޑުވެރިޔާ ހިމާރު މައްޗަށް އަރައިގެން ހިނގައިގަތެވެ.

ދެވުނީ ހަމަ ތަންކޮޅަކަށެވެ. އަވަށުގެ އެހެން ބަޔަކާ ދިމާވެގެން ބުންޏެވެ. ދުނިޔެތާކު މީނަ ފިރިހެން މީހާވަރުގެ ގޮތެއްނެތް މީހަކު އުޅޭނެ ހެއްޔެވެ؟ ހިމާރު މައްޗަށް އަރާ އިނދެގެން އެ ކުޑަކުއްޖާ އެގެންދަނީ ހިންގުވާފައެވެ. ކުޑަކުދިންގެ ޙައްޤުތަކާއި ލޯތްބާއި ދަރިކުލުނާ ކޮބައިހެއްޔެވެ؟ މީހުން އެހެން ގޮވަން ފެށުމުން ހިމާރުގެ މައްޗަށް ބައްޕަ އާއި ދަރިފުޅާ ދެ މީހުން އަރައިގެން ދާންފެށިއެވެ.

ދެވުނީ ހަމަ ތަންކޮޅަކަށެވެ. އެހެން ބަޔަކާ ދިމާވެގެން ބުންޏެވެ. ނޫނޭ ދުނިޔޭގައި މިހާރު ރަހުމުކުޑަ މީހުން ވެސް އުޅެއެވެ. މިވަރުގެ ކަމެއް ނުދެކެވެ. މި އޮތް ނިކަމެތި ހިމާރުގަނޑު މައްޗަށް ދެ މީހުން އަރައިގެން ދާކަށް މި ދެ ބަފައިންގެ އޮތީ އަޅެ ހިތެއް ހެއްޔެވެ؟ އެ ޖަނަވާރުގެ ޙައްޤުތައް ކޮބައި ހެއްޔެވެ؟

މީހުން އެހެން ގޮވަން ފެށުމުން ދެބަފައިން ހިމާރުމަތިން ފައިބާ ފޮތިގަނޑެއްގެ ތެރެއަށް ހިމާރުލައިފިއެވެ. އަދި ދަނޑިއެއް ހޯދައި ތަންޑިޔާ ޖަހައި ދެ މީހުން ތަންޑިޔާގެ ދެ ކޮޅުގައި ކޮނޑު އަޅައިގެން ހިނގައިގަތެވެ.

ތަންކޮޅަކަށް ދެވުނުތަނާ މީހުން ކަރިހިނި ހީ މަލާމާތްކުރާ އަޑުއިވެންފެށިއެވެ. މޮޔައިން ތަންތާއުޅެވެ. ގަމާރުން ވެސް އުޅެއެވެ. އެކަމަކު މިވަރުގެ ކަމެއް ނުދެކެމެވެ. ދަނޑުވެރިޔާ ހިތަށް އެރިއެވެ. ދެން ހަދާނީ ކިހިނެއް ބާވައެވެ؟ އެފިކުރުގައި ހުރެގެން ކުރިއަށް ދަނިކޮށް ކުއްލިއަކަށް ތަންޑިޔާ މެދުން ބިންދައިގެން ގޮސް ހިމާރު ބިންމައްޗަށް ވެއްޓިއްޖެއެވެ. ބިންމަތީގައި ޖެހުމާއެކު ތެޅިފޮޅިގަތްތަނުން ހިމާރަށް ފޮތިގަނޑުން ނިކުމެވިއްޖެއެވެ. އެސޮރު ބަލާކަށް ނޯވެ ކަޑަބޮއް ޖަހާފައި ގޮސް ޖަންގައްޔަށް ވަދެ އޮބާލައިފިއެވެ. ދަނޑުވެރިޔާގެ ދެބަފައިން ވެފާވާ ވަރުބަލިން އެސޮރު ފަހަތުން ދާނެ ހިތްވަރުނެތިފައި ތިއްބެވެ.

އިރުކޮޅެއްފަހުން ދަރިފުޅުގެ ކައިރިއަށް ގޮސްފައި ދަނޑުވެރިޔާ އެބަ ބުނެއެވެ. ދަރިފުޅާއެވެ. ދަމާ ހިނގާށެވެ. މިހެން މިވީ ހުރިހާ އެންމެން ރުހޭ ގޮތް ހަދަން އުޅެން ހަދައިގެންނެވެ. އެންމެންނެއް ނުރުއްސޭނެވެ.

ނޯޓު: މިފަދަ ވާހަކަތަކަކީ ވަރަށްގިނަ ބަސްބަހުން ވަރަށް ގިނަ މުޖުތަމަޢުތަކުގައި ކުދިކުދި ތަފާތުތަކާއެކު ކިޔެމުން އަންނަ މަޝްހޫރު ވާހަކަތަކެވެ. ކާކުގެ ޯކޮން ދުވަސްވަރެއްގެ ފިކުރެއްކަން ނޭނގޭ ވާހަކަތަކެވެ. މި ވާހަކަ އަޅުގަނޑު މި ލިޔުނީ އަޅުގަނޑުކީ ތަފާތު ރަޔުއުތަކަށް ބިނާކޮށް އަމިއްލަ އިބާރާތުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *