ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގައި އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދި އެއް ކުޅިވަރަކީ ފުޓްސަލްއެވެ. ރާއްޖޭގައި މިހާރު ވައިގައި ހިފާފައިވާ މި ކުޅިވަރު، ޕްރޮފެޝަނެއްގެ ގޮތުގައި ޚިޔާރުކޮށް އެއިން ކުރިއަށް ދިޔުމަށް ބުރަކޮށް މަސައްކަތްކުރާ ޒުވާނުން އަންނަނީ ގިނަވަމުންނެވެ.

މިގޮތުން ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫއަށް އުފަން އަބްދުﷲ ޝާފިއު (ޝާއްޕެ) އަކީ ވެސް ފުޓްސަލް ދަނޑުތަކުން ފެންނަ ހުނަރުން ފުރިގެންވާ ޒުވާނެކެވެ.

Ad
rt

ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމްގައި ހިމެނޭ ޝާއްޕެގެ އަޑު މި ފަހުން ގަދަވެގެން ގޮސްފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމް މި މަހު ތައިލެންޑްގައި ކުރިއަށްދިޔަ އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް ކަޕުގެ ރޭންކިން މެޗުގައި މޮންގޯލިއާގެ މައްޗަށް ހޯދި ކާމިޔާބާއި ގުޅިގެންނެވެ.

ތައިލެންޑްގައި ކުރިއަށްދިޔަ އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް ކަޕުގައި ޝާއްޕެ ކުޅެނީ،

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 3-3 ގެ ނަތީޖާއަކުން އެއްވަރުވިއިރު، މެޗުގައި ރާއްޖެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދީފައި ވަނީ ޝާއްޕެއެވެ. ޕެނަލްޓީގައި 8-7 ގެ ނަތީޖާއިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ގައުމީ ފުޓްސަލް ޓީމުން ހޯދި ފުރަތަމަ މޮޅެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ޝާއްޕެއެވެ. މިއީ ރާއްޖޭގެ ފުޓްސަލް ތާރީހުގައި ވެސް، ބައިނަލްއަގްވާމީ މެޗެއްގައި، މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފް ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާއެވެ.

އެ މުބާރާތާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޝާއްޕެ ބުނެފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުމަކީ ވެސް ހާއްސަ އުފަލެއް ކަމަށާއި، ނަމަވެސް އެންމެ އުފާވީ މެޗުން މޮޅުވުމުން ކަމަށެވެ.

ތައިލެންޑްގައި ކުރިއަށްދިޔަ އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް ކަޕުގައި ޝާއްޕެ ކުޅެނީ،

ޝާއްޕެގެ ފުޓްސަލް ކުޅުމުގެ ހުނަރު ފުރަތަމަ ފާހަގަ ކުރެވިފައި ވަނީ ހުޅުމާލޭގައި ބޭއްވުނު ތަފާތު ފުޓްސަލް މުބާރާތްތަކުންނެވެ. އެއަށްފަހު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތްތަކުން ފުރުޞަތު ލިބި، އޭނާ މިހާރު އަންނަނީ އަހަރެއްގެ ތެރޭގައި ގިނަ މުބާރާތްތަކެއްގައި ކުޅެމުންނެވެ.

ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކުލަބް މޯލްޑިވްސް ކަޕްގައި ޝާއްޕެ ފުރަތަމަ ކުޅެފައި ވަނީ 2015 ވަނަ އަހަރުއެވެ. އެއަށްފަހު ކުލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ކޮންމެ އަހަރަކު ވެސް އޭނާ އަންނަނީ ކުޅެމުންނެވެ. 2016 ވަނަ އަހަރު މުބާރާތުގެ ރަނަރަޕް ލިބުނު ނަމަވެސް މިހާތަނަށް އެ މުބާރާތް ކާމިޔާބު ކުރެވިފައި ނުވެއެވެ. ވުމާއެކު އެ މުބާރާތުގެ ރަން މެޑަލް ކަރުގައި އަޅާލުމަކީ ވެސް އޭނާގެ އުންމީދެކެވެ.

ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގައި ގަވާއިދުން ހިމެނި ރާއްޖޭން ބޭރުގައި، ރާއްޖެ ތަމްސީލު ކުރުމުގެ ގިނަ ފުރުޞަތުތަކެއް ހޯދައި ކާމިޔާބީ ހޯދުމަކީ ވެސް ޝާއްޕެގެ އުންމީދެކެވެ.

ޝާއްޕެ ޤަބޫލްކުރާ ގޮތުގައި އެކަށީގެންވާ ތަމްރީނާއި ފެސިލިޓީސް ނެތް ނަމަވެސް ރާއްޖޭގައި މޮޅެތި ފުޓްސަލް ކުޅުންތެރިން އެބަތިއްބެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބާއްވާ މުބާރާތްތަކުން ފުޓްސަލްގެ ހުނަރުން ފުރިގެންވާ އުންމީދީ ކުޅުންތެރިން ދަނީ ފެންނަމުންނެވެ. ނަމަވެސް އެއީ އެ ކުޅުންތެރިން ހާއްސަ ތަމްރީނަކާއި ނުލައި ދައްކަމުން އަންނަ ހުނަރެވެ. ވުމާއެކު ރާއްޖޭގައި އެކަށީގެންވާ ފެސިލިޓީސް ޤާއިމްކުރެވި ކުޅުންތެރިންނަށް ރަނގަޅު ތަމްރީންތައް ހަދާނެ މާހައުލާއި ފުރުޞަތުތައް ހޯދައިދެވިއްޖެ ނަމަ މިއީ ރާއްޖޭގައި ވަރަށް ބޮޑަށް ކުރި އެރުވިދާނެ ކުޅިވަރެކެވެ.

ޝާއްޕެ އިތުރަށް ބުނެފައި ވަނީ ފުޓްސަލްގައި އިންޓަނޭޝަނަލް ލެވެލްގެ މުބާރާތްތަކެއްގައި ކުޅެން ވިސްނާނަމަ، މިހާތަނަށް ހާލަތު މި އޮތްގޮތުން ބޮޑެތި ގޮންޖެހުނަތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

"އަހަރެމެން ފުޓްސަލް މި ކުޅެނީ އައުޓްޑޯގައި، އެއީ ހޫނު މާހައުލަކަށް ވެފައި އަހަރެމެންނަށް ނޭވާލާން ވަރަށް ފަސޭހަ، ނަމަވެސް ފުޓްސަލް އިންޑޯގައި ކުޅޭއިރު އެތަންތަން ވަރަށް ފިނި، ހުރޭ ނޭވާ ހާސްވާ ގޮތެއް، ވުމާއެކު ހޭނެން ވެސް ވަގުތު ނަގާ، އަނެއްކާ އަހަރެމެން ފުޓްސަލް މިކުޅޭ ޕިޗްތަކާއި އެތާގެ ޕިޗް ވަރަށް ބޮޑަށް ތަފާތު" ޝާއްޕެ ބުނެފައިވެއެވެ.

ރާއްޖޭގައި ފުޓްސަލް ކުރިއަރަމުން އަންނަ ސްޕީޑަށް ބަލާފައި މިހާރުން މިހާރަށް ވެސް އިންޑޯ ފުޓްސަލް ދަނޑުތައް މުހިންމުކަން ޝާއްޕެ ވަނީ ފާހަގަ ކޮށްފައެވެ. ފުޓްސަލްއިން ކުރިއަށްދާން ވަރުގަދަ އަޒުމެއްގައި ހުރި ޝާއްޕެ ވަނީ އޭނާއަށް މިކަމުގައި އެހީތެރިވެދޭ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.