ރާއްޖޭގެ ބާޒާރުން ފިޔާ ހުސްވެ، ފިޔާގެ އަގު އާދަޔާ ހިލާފަށް އުފުލިފައިވާ މިދަނޑިވަޅުގައި އެސްޓީއޯ އިން ފިޔާ ކިލޯއެއް 30 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.

ދަތިކަމެއްނެތި ރާއްޖޭގެ ބާޒާރުން ފިޔާ ލިބެންދެން އެސްޓީއޯއިން ފިޔާ ލިބޭނެ ކަމަށާއި އެކަމަކު ވިއްކާނީ ލިމިޓް ކޮށްގެން ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. އެގޮތުން އެސްޓީއޯ ސުޕަމާޓުން ކޮންމެ މީހަކަށް ވިއްކަނީ އެއް ކިލޯގެ ފިޔަލެވެ.

Ad
rt

މިވަގުތު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 50 ރުފިޔާއަށެވެ. ނަމަވެސް ބައެއް ކުދި ފިހާރަތަކުން ފިޔާ ކިލޯއެއް ވިއްކަނީ މިއަށްވުރެވެސް ބޮޑުކޮށެވެ. އެއްބައި ފިހާރަތަކުން 90 ރުފިޔާއަށްވެސް ފިޔާ ކިލޯއެއްދަނީ ވިއްކަމުންނެވެ.

ފިޔަލުގެ އުފިލިފައި މިވަނީ އިންޑިޔާ އަށް ކުރި ވިއްސާރައާ ގުޅިގެން އެގައުމުގައި ފެންބޮޑުވެ 35 ޕަސެންޓް ފިޔާ ދަނޑުތައް އެއްކޮށް ހަލާކުވުމާއި ގުޅިގެން އިންޑިއާއިން ފިޔާ ލިބުމުގައި ދަތިތަކެއް ދިމާވުމުންނެވެ. އެގޮތުން އިންޑިޔާއިން އޭޝިޔާގެ ގައުމުތަކަށް ފިޔާ ވިއްކުން ވަނީ ބަގުތީގޮތުން ހުއްޓާލައިފައެވެ. ނަމަވެސް އެއްވެސް ދަތިކަމެއް ނެތި ރާއްޖެ އަށް ފިޔާ ލިބޭނެ ކަމަށް އިންޑިޔާ އެމްބަސީން ވަނީ އޮކްޓޫބަރ 10 ވަނަ ދުވަހު ހާމަކޮށްފައެވެ. އަދި އިންޑިއާ އިން ރާއްޖެ އަށް ފިޔާ އެތެރެ ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީންވެސް ވަނީ ބުނެފައެވެ.

އެސްޓީއޯއިން ހާމަކޮށްފައިވަނީ މާލެއަށް ފިޔާ ގެންނަ ކުންފުނިތަކުން ފިޔާ އެތެރެ ކުރަން ފަށައި، ސްޓޮކް ލިބުމުން ލިމިޓް ކުރުމެއް ނެތި ފިޔާ ވިއްކަން ފަށާނެ ކަމަށެވެ.