ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢޫގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއަދު ހަވީރު އެކަމަށްޓަކައި އެ ސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި މެޚްމާނަކީ މި މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑް (އާރުޑީސީ) މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކެވެ.

Ad
rt

މީގެ އިތުރުން ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދާއި، އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފްގެ އިތުރުން ސިޓީގެ ކައުންސިލަރުންނާއި، ސަރުކާރުުގެ މުވައްސަސާތަކުގެ ވެރިން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

މި މަޝްރޫޢު އަމަލީގޮތުން ފައްޓަވައި ދެއްވީ އާރުޑީީސީގެ އެމްޑީ މޫސާ ޢަލީ މަނިކާއި، ކުޅުދުއްފުށީގެ ދެ މެންބަރުންނާއި، މޭޔަރު އާތިފާއި އަދި ސިޓީ ކައުންސިލަރުންނެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު އާތިފް ދެއްކެވިވާހަކާގައި ވަނީ އެ މަޝްރޫޢު ނުފެށި ލަސްކަންއައި ސަބަބު ސާފުކޮށް ދެއްވާފައެވެ. މިގޮތުން އެ މަޝްރޫޢާއިއެކު ފަޔަރ ހައިޑްރެންޓް، ޑީވޯޓަރިން އަދި ފެންހިންދާ ނިޒާމްގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްދެއްވުމަށް ރައީސުލްޖުމްޙޫރިއްޔާގެ އަރިހުގައި ދެންނެވިކަމަށާއި، މަޝްރޫޢު ފެށިގެން ދިޔައީ އެކަންކަން ވެސް ހިމެނިގެންކަން އާތިފް ވަނީ ފާހަގަ ކުރަށްވާފައެވެ.

މީގެ އިތުރުން މަގު ހެދުމުގެ ތެރޭގައި ކަރަންޓް އަދި ފެންހޮޅި ފަދަ އެއްޗެއްސަށް ލިބޭ ގެއްލުން ހައްލުކޮށް ދިނުމަށް ޔުނިޓިލީސް ކުންފުނިތަކާއި، އާރުޑީސީއާއިއެކު އެއްބަސްވުމަށް އާދެވިފައިވާ ކަމަށާއި، މީގެކުރީން މަގުހެދިއިރު ދިމާވާ މިފަދަ ކަންކަމަށް ޒިންމާވާނެ ފަރާތެއް ނެތްކަން މޭޔަރު ވަނީ ފާހަގަ ކުރަށްވާފައެވެ.

ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢޫގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އާރުޑީސީ

ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު ޔާސިރު ދެއްކެވި ވާހަކައިގައި ވަނީ އެ މަޝްރޫޢު ފެށިގެން ދިޔައިރު، ފުރަތަމަ އެ މަޝްރޫޢު ފަށަން ސޮއި ކުރެވުނު ޚަރަދުވާނެ ކަމަށް ހިމެނި ޢަދަދު ގާތްގަނޑަކަށް އެއް ގުނަ އިތުރުވެފައިވާކަން ފާހަގަ ކުރަށްވާފައެވެ. މިގޮތުން އެ މަޝްރޫޢާއިއެކު ކުރިއަށް ގެންދިޔުމަށް އިތުރުކުރުމަށް ރައީސް އަރިހުގައި ދެންނެވި ކަންކަން މަޝްރޫޢުގެތެރޭގައި ހިމެނުމުން އިތުރު 93 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ޔާސިރު ވިދާޅުވިއެވެ. އެއީ އިތުރު މަގުތައް ހެދުމަށް 23 މިލިއަން ރުފިޔާ އަދި ފަޔަރ ހައިޑްރެންޓް، ޑީވޯޓަރިން އަދި ފެންހިންދާ ނިޒާމް ހިމެނުމަށް 70 މިލިއަން ރުފިޔާ އެވެ.

ޔާސިރު ވިދާޅުވީ ކުޅުދުއްފުށީ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާނެކަމަށާއި، 3 ވަނަ ފިޔަވައްސަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެކަމަށެވެ.

އާރުޑީސީގެ އެމްޑީ މޫސާ ޢަލީ މަނިކު ދެއްކެވި ވާހަކާގައި ވަނީ މި ސަރުކާރުން ގެންނަމުންދާ ތަރައްގީގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފައެވެ. އަދި ކުރިން އައިސްފައިވާ ތަރައްގީ އުސް އިމާރާތްތަކުން ފެންނަން ހުރިވާހަކަ ދައްކާއިރު، މި ސަރުކާރުން ރެކޯޑް އަދަދަކަށް ރަށްރަށުގައި ފެނާއި، ނަރުދަމާގެ ޚިދުމަތް ގާއިމުކޮށްދީފި ކަމަށާއި، އެއީ ބިމުއަޑީ ގާއިމުކުރެވުނު ނިޒާމްތަކެއް ނަމަވެސް އެއީ މިއިންޒަމާނަކު ރާއްޖެނުދެކޭފަދަ ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ. އަދި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެތައް ބަނދަރުތަކަކާއި، އެތައް ރަށެއްގެ މަގުތަކަކާއި، ސްކޫލް، ހޮސްޕިޓަލް، އެއާޕޯޓްތައް ފަދަ އެތައް އުމުރާނީ ތަރައްގީއެއް ގެނެސްދެމުންދާ ކަމަށް ވިދާޅުވިއެވެ.

އެމްޑީ ފާހަގަކުރެއްވި ގޮތުގައި ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢަށް ކަންކަން އިތުރުވެގެން ދިޔައީ، އެ ސިޓީއަށް ނިސްބަތްވާ ދެ މަޖިލިސް މެންބަރުންނާއި، ސިޓީގެ މޭޔަރާއި، އަދި ކައުންސިލަރުން އެކަން ހާސިލްވަންދެއް ދޫނުދެއްވައި ކުރެއްވި މަސައްކަތުންނެވެ.

މި މަޝްރޫޢުފެށުމަށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގައި ވާގޮތުން ޖުމްލަ 100,700.048.55 ރުފިޔާ ޚަރަދުވާ މި މަޝްރޫޢުގެ މުއްދަތަކީ 510 ދުވަހެވެ. ނަމަވެސް މި މަޝްރޫޢުއާއިއެކު ހިމެނި އިތުރުކަންކަމާއެކު މިހާރު އިތުރު 93 މިލިއަން ރުފިޔާ އަދި ޖުމްލަ 193،700.048.55 މި މަޝްރޫޢަށް ޚަރަދުވާނެއެވެ.