ށ. ފޭދޫގައި ތަރައްގީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުން ދޫކޮށްލަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައްވައިފިއެވެ.
އެ ކޯލިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޢާންމު ތަނެއްގައި "އިންޑިއާ އައުޓް" ލިޔެގެން ހައްޔަރު ކުރި ށ. ފޭދޫގެ 2 މީހުން މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ހައްޔަރުކުރި ރޭ ހަތަރުދަމު އެ ދެ މީހުން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުގައި ބައިތިއްބާފައި ވަނީ "ރަހީނު" ކޮށްގެން ކަމަށް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ.
އެ މީހުން "ރަހީނުކޮށް" ބަންދަށް 7 ދުވަސް ޖަހާފައިވާތީ އެކަން ކުށްވެރި ކުރާކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ. އަދި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފު ނުވާ އެއްޗެއް ލިޔުން ނުވަތަ އެފަދަ ޝުޢޫރެއް ދުލާއި ގަލަމުން ފާޅުކުރުމަކީ ދިވެހިޖުމްހޫރިއްޔާއާއި ޤާނޫނުތައް ހުއްދަ ކުރާކަމަކަށް ވާއިރު އެފަދަ އަމަލެއް ކޮށްގެން މީހުން ހައްޔަރުކޮށް މުއްދަތު ޖަހާ ހިލިހިލާ ޖެހުމުން ދިވެހި ސަރުކާރު އިންޑިއާގެ އުނގަށް ވެއްޓިފައިވާ މިންވަރު އިތުރަށް ހާމަވަމުން ދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ޤައުމުގެ އަގުބޮޑު ހަޒާނާތައް "އިންޑިއާއަށް ވިއްކާލައިގެން" ތިބެ އެކަމަށް ނުރުހުން ފާޅުކޮށް ބަސްބުނާ ކޮންމެ މީހެއް ހިލިހިލާ ޖަހާ އަނިޔާ ކުރެވިދާނެ ކަމަށް އެމްޑީޕީއަށް ހީވުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. މިއާއި އެކު ފޭދޫއިން ހައްޔަރު ކުރި 2 މީހުން ދޫކޮށްލާ އެމައްސަލަ ބެލުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ވެސް ވަނީ ގޮވާލައްވާފައެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ށ. ފޭދޫ ގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުންކަމަށާއި، އެއީ 28 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހެއްކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި ދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ވެސް ބަޔަކު މި ޕްރީސްކޫލް ބޭރު ފާރަށް ކަޅުތެޔޮ ޖަހައި، ގެއްލުން ދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެރަށުން ވާހަކަ ދެއްކި ބައެއްމީހުން ތުހުމަތުކުރާގޮތުގައި އެއީ ސިޔާސީ ޚިޔާލުތަފާތުވުމުގެ ތެރެއިން ހިނގަމުންދާ ކަމެކެވެ.
އެ ޕްރީސްކޫލްގެ ފާރުގައި ލާފައި ވަނީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރަސްމީ ކުލަ، ރީނދޫ ކުލައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!