ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި "ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ" 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ހއ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް އަދި މުޅި ރާއްޖެއިން އެންމެ ރަނގަޅު 3 ވަނަ ކައުންސިލަކަށް ތުރާކުނު ކައުންސިލް ހޮވިއްޖެއެވެ.
ތުރާކުނު ކައުންސިލް ވަނީ 2019 ވަނަ އަހަރު ވެސް މި ރޭންކިންއިން ހއ. އަތޮޅުން އެންމެ ކުރި ހޯދާފައެވެ.
2020 ވަނަ އަހަރު މުޅި ރާއްޖޭން 3 ވަނަ ކައުންސިލެއް ގޮތުގައި ހޮވިފައިވުމުން، ތުރާކުނު ކައުންސިލަށް ވަނީ ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް އިން ވަނަތައް ހާސިލްކޮށްފައިވާ ރަށު ކައުންސިލަށް އެރުވޭ "ރަނަހަމާންތި ދަރަޖަ" ވެސް ލިބިފައެވެ.
މި ޝަރަފް ލިބިގެން ދިޔުމުން ތުރާކުނު ކައުންސިލުން ވަނީ އެއީ، މުޅި ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވެފައެވެ.
"2020 ވަނަ އަހަރު ކައުންސިލް ރޭންކިންގައި ހއ. އަތޮޅުން ފަޙުރުވެރި 1 ވަނަ ކައުންސިލް އަދި މުޅި ރާއްޖެއިން 3 ވަނަ އަށް މި ކައުންސިލް ހޮވިފައިވާތީ ހުރިހާ ކައުންސިލް މެންބަރުންނާއި ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް ޝުކުރާއި ހޫނު މަރުހަބާ ދަންނަވަން. މި ކާމިޔާބީއަކީ މުޅި ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް." އެ ކައުންސިލުން ވިދާޅުވެފަވެއެވެ.
ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާފޯމަންސް މިންކޮށް ވަޒަން ކުރުމަށް އެލްޖީއޭއިން އެކުލަވާލާފައިވާ މިންގަނޑެކެވެ. ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ އެހީގައި ލާމަރުކަޒީ ޤާނޫނުން އުފެދިފައިވާ ރަށުކައުންސިލްތަކާއި، އަތޮޅުކައުންސިލްތައް މިންކޮށް ވަޒަންކުރުމުގެ މަސައްކަތް އެލްޖީއޭއިން ވަނީ ފަށާފައެވެ. އަދި މިއިންޑެކްސް ބޭނުންކޮށް އަހަރަކު އެއްފަހަރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޕާފޯމަންސް މޮނީޓާކޮށް ރޭންކް ކުރެވެމުން ގެންދެއެވެ.
މިގޮތަށް ކައުންސިލްތައް ރޭންކް ކުރަމުން ދަނީ ކައުންސިލް ޕާފޯމަންސަށް ބަލައި އެންމެ މަތިން ޕޮއިންޓް ހޯދާ ކައުންސިލުން ފެށިގެން ތަރުތީބުވާ އުސޫލުންނެވެ. މި އިންޑެކްސްއިން ލިބޭ ނަތީޖާއަށް ބަލައި ކައުންސިލްތައް ރޭންކް ކުރުމުގެ އިތުރުން ކައުންސިލްތަކުގެ ބަޖެޓް ކަނޑައެޅުމުގައިވެސް ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް މުހިއްމު ދައުރެއް އަދާކުރާނެކަމަށް އެލްޖީއޭއިން ބުނެފަވެއެވެ.
2020 ވަނަ އަހަރު ހއ. އަތޮޅުގެ ރޭންކިން
- ތުރާކުނު ކައުންސިލް
- އުތީމު ކައުންސިލް
- މޮޅަދޫ ކައުންސިލް
- ހޯރަފުށީ ކައުންސިލް
- ކެލާ ކައުންސިލް
- ދިއްދޫ ކައުންސިލް
- އުލިގަމު ކައުންސިލް
- އިހަވަންދޫ ކައުންސިލް
- މުރައިދޫ ކައުންސިލް
- މާރަންދޫ ކައުންސިލް
- ބާރަށު ކައުންސިލް
- ތަކަންދޫ ކައުންސިލް
- ވަށަފަރު ކައުންސިލް
- ފިއްލަދޫ ކައުންސިލް
2019 ވަނަ އަހަރު ހއ. އަތޮޅުގެ ރޭންކިން
- ތުރާކުނު ކައުންސިލް
- މޮޅަދޫ ކައުންސިލް
- އުތީމު ކައުންސިލް
- ހޯރަފުށީ ކައުންސިލް
- ދިއްދޫ ކައުންސިލް
- މުރައިދޫ ކައުންސިލް
- ތަކަންދޫ ކައުންސިލް
- މާރަންދޫ ކައުންސިލް
- ވަށަފަރު ކައުންސިލް
- ކެލާ ކައުންސިލް
- ބާރަށު ކައުންސިލް
- އިހަވަންދޫ ކައުންސިލް
- ފިއްލަދޫ ކައުންސިލް
- އުލިގަމު ކައުންސިލް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ވުޖޫދުވެ، ރާއްޖޭގައި ލާމަރުކަޒީ ނިޒާމެއް ޤާއިމްކުރެވުމާއި ގުޅިގެން ލޯކަލް ކައުންސިލްތައް އުފެދި،
އެކައުންސިލްތަކުގެ ހަރަކާތްތައް ވަނީ ހިންގަން ފަށާފައެވެ. އެކައުންސިލްތަކުގެ މަސައްކަތް މޮނީޓާކޮށް، ކައުންސިލްތަކަށް އެހީތެރިވެދީ، ފަންނީ އެހީ ފޯރުކޮށްދިނުމަކީ އެލްޖީއޭގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ލާމަރުކަޒީ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
އެހެންކަމުން ގާނޫނުން އެލްޖީއޭއާއި މަތިކޮށްފައިވާ މި ޒިންމާ އަދާކުރުމަށްޓަކައި ކައުންސިލް މަސައްކަތުގެ ފެންވަރު ދެނެގަނެ، މަސައްކަތްތައް މޮނީޓާކޮށް، އަދި ވިލަރެސް ކުރުމުގެ
މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން އެލް.ޖީ.އޭއިން އަންނަނީ ކައުންސިލްތައް މޮނީޓާކޮށް ކައުންސިލްތަކަށް ދިމާވާ މައްސަލަތައް ދިރާސާކޮށް، އެމައްސަލަތައް
ހައްލުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.
ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް ކައުންސިލްތަކުގެ ރޭންކިންގ ކަނޑައެޅުމަށްޓަކައި، ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ ނަމުގައި ޚާއްސަ އިންޑެކްސްއެއް ތަޢާރަފްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!