މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ)އިން ރަށްރަށަށް ދަތުރުކުރުމުގެ ކުރީން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ތިން ފިޔަވަޅަކަށް ލުއިދީފައިވާކަން މިރޭ ޢިއުލާން ކޮށްފައެވެ. މި ފިޔަވަޅުތަކަށް ލުއިދީފައި ވަނީ މާދަމާއިން ފެށިގެންނެވެ.

Ad
rt

މިގޮތުން މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަންޖެހޭ ގޮތަށް އޮތް އޮތުން ވަނީ ނިމުމަކަށް ގެނެސްފައެވެ.

މީގެ އިތުރުން މާލޭގައި މީހުން އެއްވެ އުޅުމާއި، ހަފްލާތަކާއި އިވެންޓްތައް ބޭއްވުމަށް އޮތް ލިމިޓް އުވާލައި، އަދި ކުޅިވަރު މުބާރާތްތަކަށް ކުޅިބަލާ މީހުންނަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

އެޗްޕީއޭއިން މި ބަދަލުތައް ގެންނަން ނިންމިއިރު ރާއްޖެއަށް ބިންދާލި ތިންވަނަ ކޯވިޑްގެ ރާޅަށް މިހާރު ވަނީ ލުއި ލިބި، ޕޮޒިޓިވްވާ ނިސްބަތް ވަނީ ދަށަށް ދާން ފަށާފައެވެ.

ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 292 މީހަކު ނިޔާވެފައި ވާއިރު މިހާތަނަށް 165،073 މީހަކަށް ވަނީ މިބަލި ޖެހިފައެވެ. އަދި މިބަލިން ރަނގަޅުނުވެ ތިބި މީހުންގެ ޢަދަދަކީ 15،035 އެވެ.