ޓޫރިޒަމް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ރިސޯޓު ތަރައްގީކުރަން ބީލަން ހުށަހެޅުމަށް ފުރުސަތުހުޅުވާލި ރަށްތަކުގެ ލިސްޓުން ށ. ކޮމަންޑޫ ކައިރިން ރިސޯޓު ތަރައްގީކުރުމަށް ދޫކުރުމަށް ޢިއުލާން ކުރިން ތިން ރަށް ވެސް އިއްޔެ އުނިކޮށްފި އެވެ.

މިމަހުގެ 5 ވަނަ ދުވަހު އޮތް ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނާ ދިމާކޮށް އެރަށް ކައިރި ތިން ރަށެއްގައި ރިސޯޓް ހަދަން ކުއްޔަށް ދޭން ސަރުކާރުން ނިންމާ ޢިއުލާންކުރި ރަށްތަކަކީ ށ. މެދުރަށާއި ށ. މައިރަށާއި ށ. ދިގުރަށެވެ.

Ad
rt

ބައި އިލެކްޝަނާ ދިމާކޮށް ކުއްލި ގޮތަކަށް ތިން ރަށް ކުއްޔަށް ދޫކުރަން ނިންމުމުން އިދިކޮޅުން ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

މިރަށްތައް އެ ލިސްޓުން އުނިކޮށްފައި މި ވަނީ ސިވިލް ކޯޓުން ފެބްރުއަރީ 12 ވަނަ ދުވަހު ނެރުނު އަމުރެއްގައި އެ ތިން ރަށުގައި ރިސޯޓް ހަދަން ބީލަން ހުށަހަޅަން ކުރި އިއުލާނަށް އަމަލުކުރުން ފަސްކުރަން ސަރުކާރުގެ މައްޗަށް އަންގާފައި ވަނިކޮށެވެ.

އެ ތިން ރަށުގައި ރިސޯޓް ހަދަން ކުއްޔަށް ދިނުން ކޯޓުން ހުއްޓުވީ އެރަށަކީ މާ ކުރިން ޕްރިމިއާ އިކުއިޓީ ކިޔާ ކުންފުންޏަކަށް ދޭން އެއްބަސްވެފައިވާ ކަމަށް ތިން ރަށް ކަމަށް ބުނެ އެ ކުންފުނިން ދައުވާ ކުރުމުންނެވެ. އެ ކުންފުނިން ބުނެފައިވަނީ އެ ތިން ރަށަކީ ލ. ގަސްފިނޮޅާއި ބޮޑުފިނޮޅުގެ ބަދަލުގައި އެ ކުންފުންޏަށް ސަރުކާރުން ދޭން އެއްބަސްވެފައިވާ ތިން ރަށް ކަމަށްވާތީ އެހެން ބަޔަކަށް އެ ރަށް ނުދެވޭނެ ކަމަށެވެ.

ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި އަންގާފައިވަނީ އެ ތިން ރަށުގައި ރިސޯޓް ހަދަން ބިޑް ހުށަހަޅަން ކުރި އިއުލާނަށް އަމަލުކުރުން ފަސްކުރަން ސަރުކާރުގެ މައްޗަށް އަންގާ ކަމަށެވެ. އަދި އަމުރު ނުނެރެފި ނަމަ، ޕްރިމިއާ ކުންފުންޏަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

މި ތިން ރަށް އެ ލިސްޓުން އުނިކުރުމުން މިހާރު އެ ލިސްޓުގައި ހުރި ރަށްތަކަކީ ހއ. އަތޮޅުން އަލިދުއްފަރުފިނޮޅާއި، މެދަފުށި، ހދ. ކުޑަފަރު ފަސްގަނޑު، ށ. ކުޑަޅައިމެންދޫ، ރ. އެއްތިގިލި، މ. ސީދީހުރާ، ސީދީހުރާ ވެލިގަނޑުގެ އިތުރުން އެ އަތޮޅު މާފުއްޓާއި އަދި ފ. އެނބުލުފުއްޓެވެ.