ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއަށް މަރުގެ އިންޒާރުދިން މައްސަލަ ކުށްވެރިކޮށް މަކުނުދޫ ދާއިރާގެ ބައެއް އިދާރާތަކުން ބަޔާން ނެރެން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާޢީ އަށް މަރުގެ އިންޒާރު ދިނީ ރޭ 9:30 ހާއިރު ރަސްފަންނު ސަރަހައްދުގައި ހުންނަވަނިކޮށް ސައިކަލެއްގައި އެތަނަށް ދިޔަ ދެމީހެކެވެ.
މެންބަރު ރާޢީއަށް މަރުގެ އިންޒާރުދިން މައްސަލަ ކުށްވެރިކޮށް މިހާތަނަށް މަކުނުދޫ ދާއިރާގެ ހަތަރު މުއައްސަސާއަކުން ވަނީ ބަޔާން ނެރެފައެވެ. އެއީ މަކުނުދޫ ކައުންސިލާއި، މަކުނުދޫ ފެނަކަ ބްރާންޗް، ކުމުންދޫ ފެނަކަ ބްރާންޗް އަދި ނޭކުރެންދޫ ފެނަކަ ބްރާންޗުންނެވެ.
އެ އިދާރާތަކުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، 13 ފެބްރުއަރީ 2022 ވީ އާދިއްތަ ދުވަހުގެ ރޭ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢި އަށް މަރުގެ އިންޒާރު ދިން މައްސަލަ، އެ އިދާރާތަކުގެ ހުރިހާ މުވައްޒަފުންގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާޢީ އަށް މަރުގެ އިންޒާރުދިނުމާއި ބިރުދެއްކުމުގެ މި ނިރުބަވެރި އަމަލު ހިންގި ފަރާތްތަކާއި މި ކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ." އެ ބަޔާނުގައި ބުނެފަވެއެވެ.
ރާޢީ ވަނީ އެ އިދާރާތަކަށް ޝުކުރު އަދާކުރަށްވާފައެވެ.
މަރުގެ އިންޒާރު ލިބުނުކަން ހާމަކުރަށްވާ ރާޢީ ވަނީ ރޭ ޓްވީޓެއް ކުރަށްވާފައެވެ. އެ ޓްވީޓްގައި ގުންޑާއިން ފޮނުވައިގެން އިންޒާރު ދީ މަރާލަން ބުންޏަސް ބިރު ނުގަންނަކަމަށާއި، ފުރާނަ ހިއްޕަނީ މާތް ﷲ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!