ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ޖާމިނުވި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަސްއަދު އަލީ( އަޑުބަރޭ) ގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި ހުކުމާއެކު އަޑުބަރޭ މަގާމުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ.

Ad
rt

އަލީ ވަހީދު ރާއްޖެ ގެންނަން އަޑުބަރޭ އަށް ކޯޓުން ކުރިން ވަނީ 72 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. ނަމަވެސް އެ މުހުލަތުގެ ތެރޭގައި ވެސް އޭނާ ގެނެސްފައި ނުވާތީ، ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އަލީ ވަހީދު ގެންނަން އަޑުބަރޭ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ވިދާޅުވި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ 2020ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖަޢާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

އަސްހަދު ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަނުކުރީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.