ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަށް 3349 ވޯޓް ކަރުދާސް ޗާޕް ކޮށްފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފައިވާ ގޮތުގައި ވޯޓް ކަރުދާސް ޗާޕް ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޗާޕްހާނާއެއް ކަމަށްވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އީސީން އާންމުކޮށްފައިވާއިރު، ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު، އެ ދާއިރާގައި 3،309 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާކަމަށް އެ ލިސްޓުން ދައްކައެވެ.

ކޮމަންޑޫ ބައި އިލެކްޝަންގެ މި އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް 3 ޕާޓީ އަކުން ވާދަ ކުރެއެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާއި، ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް އަދި އެމްއެންޕީން ކެންޑިޑޭޓް އަބްދުލް ހައްނާނު އިދުރީސް އެވެ.

އެދާއިރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.

މިމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއިންތިހާބުގެ ކެންޕެއިން ވަނީ ވަރަށް ފޯރި ގަދަވެފައެވެ.