ފާއިތުވި 2021 ވަނަ އަހަރަކީ ށ.މަރޮށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކާމިޔާބު އެތައް ހަރަކާތްތަކެއް ހިންގާފައިވާ ކާމިޔާބު އަހަރެއް ގޮތުގައި އެ ކޮމެޓީގެ ފާއިތުވި އަހަރު ލަނޑުދަނޑިތައް ހާސިލުވީ މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަ ކޮށްފިއެވެ.
އެ ކޮމެޓީން އިސް ނަގައިގެން ފާއިތުވި އަހަރު ރަށު ފެންވަރުގައި ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެ ހަރަކާތްތަކުގެ ތެރޭގައު އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގެ ދުވަސްވީ މީހުންނަށް ޒިޔާރަތްކޮށް ހާލުބަލައި ހަދިޔާ ދީފައިވެއެވެ.
އެ ކޮމެޓީން އިސްނަގައިގެން މަރޮށީ ސްކޫލާއި ގުޅިގެން ސްކޫލުގެ ދަރިވަރުންނަށް ފަހަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގުމުގެ އިތުރުން އެ ރަށުގެ ކަނބަލުންނަށް މާސްކު ފަހަން ދަސްކޮށްދޭ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިޖުތިމާއީ ކަންކަމުގައި އެ ރަށުގެ ކަނބަލުންގެ ބައިވެރިވުން އިތުރު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން އެ ކޮމެޓީން އިސް ނަގައިގެން ރަށުގެ ޕާކު ސާފުކޮށް ގަސް އިންދުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން އެ ކޮމެޓީން އިސް ނަގައިގެން ރަށުގެ ގޮނޑުދޮށް ސާފު ކުރުމުގެ ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ ކޮމެޓީއާއި ރަށުގެ މުއައްސަސާތަކާއި ގުޅިގެން ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައެވެ.
އެ ކޮމެޓީން އިސް ނަގައިގެން އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ފާހަގަކުރާ ދުވަސް ކައުންސިލުގެ އެއްބާރުލުމާއި އެކު ފާހަގަ ކޮށްފައިވެއެވެ. މީގެއިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެފަދަ މީހުންނަށް ޒިޔާރަތްކޮށް ހަދިޔާ ދީފައިވެއެވެ.
އެ ކޮމެޓީން ފާއިތުވި އަހަރު ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދެވިފައި ނުވަނީ ތިން ހަރަކާތެކެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ އީދަށް އެ ރަށުގެ ހޭޅިއާއި ގޮނޑުދޮށް ސާފު ކުރުމަށް ހިންގަން ރޭވި ޕްރޮގްރާމާއި، މަދިރި މަދުކުރުމަށް ހިންގަން ރޭވި ޕްރޮގްރާމުގެ އިތުރުން ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގަން ކަނޑައެޅި ޕްރޮގްރާމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!