ށ.ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާއިތުވި 2021 ވަނަ އަހަރު ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރުގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަކޮށްފިއެވެ.

ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ފާހަގަ ކުރެވިފައި ވަނީ ފާއިތުވި އަހަރު ހިންގަން ރޭވި ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ޕްރޮގްރާމެއް ފިޔަވައި ދެން ބާކީހުރި ހުރިހާ ޕްރޮގްރާމެއް ކާމިޔާބު ކަމާއިއެކު ހިންގައި ނަމޫނާ މަސައްކަތްތަކެއް ކޮށްފައިވާ ކޮމެޓީއެއްގެ ގޮތުގައެވެ.

Ad
rt

ފުނަދޫގައި ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވާ މަގުތަކުގެ މެދުގައި ހުސްކޮށް ހުރި ޖާގަ ތަކުގައި މައު ގަސްއިނދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ އިތުރުން އެ ރަށު ކައުންސިލާއި ގުޅިގެން އެ ރަށުގެ ޕާކުތަކުގައި ގަސް އިންދުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފުނަދޫގެ ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމާއި، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސް ކޮށްދިނުމުގެ ގޮތުން ދަންދަނާ ބާޒާރުގެ ނަމުގައި ފާއިތުވި އަހަރު ދެ ފަހަރު އެ ބާޒާރު ވަނީ ބާއްވާފައެވެ.

ފުނަދޫ އަންހެނުން ކޮމެޓީގެ "ދަންދާނަ ބާޒާރު 2"އަށް ބޮޑު ތަރުހީބެއް

ފުނަދޫގެ ތުއްތު ކުދިންނަށް ތަޢުލީމާއި ތަރުބިއްޔަތުގެ ފުރުޞަތު އެކަށީގެންވާ މިންވަރަށް ފަހިކޮށް ދިނުމުގެ ގޮތުން އެ ކޮމެޓީއާއި ރަށު ކައުންސިލު ގުޅިގެން އެ ރަށުގައި " އަބްދުﷲ އަބްދުލް ކަރީމް" ޕްރީސްކޫލްގެ ނަމުގައި ޕްރީސްކޫލެއް ހުޅުވައި ތުއްތު ކުދިންނަށް ތަޢުލީމް ފޯރު ކޮށްދީފައިވެއެވެ.

ފުނަދޫގެ ކަނބަލުންނަށް އަމާޒުކޮށްގެން އެ ކޮމެޓީއާއި ޓޮޕްސީ ޓްރެއިނިން ސެންޓަރު ގުޅިގެން ފަހަން ދަސްކޮށްދޭ ކޯހެއް ވަނީ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައެވެ.

ފުނަދޫ އަބްދުﷲ އަބްދުލް ކަރީމް ޕްރީ ސްކޫލް ހުޅުވައިފި

ފުނަދޫގައި ހޭންޑްބޯލް ކުރިއަރުވައި ތަރައްޤީ ކުރުމުގެ މަޤުޞަދުގައި އެ ރަށުގެ ޒުވާން އަންހެން ކުދިންނަށް އަމާޒު ކޮށްގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފުނަދޫގެ ކަނބަލުންނަކީ ސިއްހީ ގޮތުން ހޭލުންތެރި ބަޔަކަށް ހެދުމަށްޓަކައި ފުނަދޫ އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓާއި ގުޅިގެން ވިހައިގެން އުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "މަދާރސް ސަޕޯޓިން" ގެ ނަމުގައި ގްރޫޕެއް އުފައްދައި އެ ފަރާތްތަކަށް ހޭލުންތެރި ކަމުގެ ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.

ފުނަދޫ އ.ތ.މ ކޮމެޓީން ހިންގި ހޭންޑް ބޯލް ކޯޗިން ކޭމްޕެ ނިންމާލައިފި

ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސް ނަގައިގެން އެ އަތޮޅު މިލަންދޫއަށް ޒިޔާރަތްކޮށް އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކޮށް ވަނީ ކާމިޔާބު ތަޖުރިބާ ދަތުރެއް ފުރިހަމަ ކޮށްފައެވެ.

ފުނަދޫ އެއާޕޯޓުން ފުރާ މީހުންނަށާއި އަންނަ މީހުންނަށް ކެންޓީނުގެ ޚިދުމަށް ފޯރުކޮށްދިނުމުގެ އިތުރުން ފޯރުންތެރިކަން ނެތް ފަރާތްތައް ބަލައި އެ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން "އުފަލުން" ގެ ނަމިގައި ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފުނަދޫ އަންހެނުންގެ ކޮމެޓީގެ "އުފަލުން" ޕްރޮގްރާމްގެ ފުރަތަމަ ހަދިޔާ ށ. އަމާންވެއްޓަށް

މީގެ އިތުރުން ވެސް ގިން ހަރަކާތްތަކަކަށް އެ ކޮމެޓީން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެ ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ތުނޑި ސާފު ކުރުމުގެ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި، ފުނަދޫއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރި ބޮޑު އިންޖީނު ހަލާކުވުމާއި ގުޅިގެން އެ މަރާމާތުގެ މަސައްކަތުގައި އުޅުނު ފަރާތްތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމާއި، ހިތުގެ ދުވަސް ފާހަގަ ކުރުމަށް އެ ރަށު ކައުންސިލަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކައުންސިލުން ހިންގި ހަރަކާތައް އެހީތެރިކަން ފޯރުކޮށް ދިނުމާއި، ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތައް އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެއެވެ.

ފުނަދޫގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

އެ ކޮމެޓީން ފާއިތުވި އަހަރު ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންގޮސްފައި ނުވަނީ އެންމެ ހަރަކާތެކެވެ. އެ ހަރަކާތަކީ އެ ރަށުގެ ކަނބަލުން ގޭތެރޭގައި ބޭނުންކުރާ ކަރަންޓް ސާމާނަށް އަހުލުވެރި ކުރުމުގެ ގޮތުން ހިންގުމަށް ރޭވި ހަރަކާތެވެ. އެ ކޮމެޓީން ފާހަގަ ކޮށްފައިވާ ގޮތުގައި އެ ހަރަކާތް ކުރިއަށް ގެންދެވިފައި ނުވަނީ އެ ހަރަކާތް ކުރިއަށް ގެންދިޔުމަށް ރޭވި މުއްދަތުގައި އެ ރަށުގައި ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެންނެވެ.