ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢު" ގެ ދަށުން، ރ. އުނގޫފާރުގައި ގަސް އިންދުމުގެ ބޮޑު ޙަރަކާތެއް ކާމިޔާބުކަމާއެކު މިއަދު ބާއްވައިފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ޚާއްޞަ ޙަރަކާތަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ރ. ވަންދޫ ޓީމާއި، ރ. އުނގޫފާރުގެ އެކި މުއައްސަސާތަކުގެ އިތުރުން އެ ރަށުގެ ޢާންމު ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ފެހިކަން އިތުރުކުރުމަށް ފަށާފައިވާ ޤައުމީ މަޝްރޫޢަށް އެއްބާރުލުން ދިނުމެވެ. މީގެ އިތުރުން، އުނގޫފާރުގެ ވެށި އިތުރަށް ފެހިކޮށް، މޫސުމީ ބަދަލުތަކުން ރަށް ރައްކާތެރިކުރުން ވެސް މި ކަމުގެ ތެރޭގައި ހިމެނެއެވެ.
މި ހަރަކާތުގެ ދަށުން އުނގޫފާރުގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ގަސް ވަނީ އިންދާފައެވެ. މިގޮތުން ރަށުގެ އެކި ސަރަޙައްދުތައް ފެހިކުރުމަށްޓަކައި ގަސް އިންދުމުގެ މަސައްކަތް ވަނީ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައެވެ.
މި ޙަރަކާތުގައި އުނގޫފާރުގެ ކައުންސިލާއި، ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނާއި، ސްކޫލް ދަރިވަރުން އަދި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ވަރަށް ފޯރިއާއެކު ބައިވެރިވެ، އެއްބައިވަންތަކަން ދައްކުވައިދީފައެވެ.
މިއީ ތިމާވެށީގެ ދުޅަހެޔޮކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ޤައުމީ ފެންވަރުގައި ކުރިއަށްދާ މި މުހިންމު މަޝްރޫޢުގައި ރައްޔިތުންގެ ޙިއްޞާ އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!