ށ. ފުނަދޫ "އަބްދުﷲ އަބްދުލް ކަރީމް" ޕްރީ ސްކޫލް ހުޅުވައިފި އެވެ.
މި ޕްރީ ސްކޫލް ރަސްމީކޮށް ހުޅުވީ އިއްޔެ އެރަށުގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފުނަދޫގައި އަލަށް ހުޅުވުނު މި ޕްރީސްކޫލާއި ގުޅޭގޮތުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު 'ތިލަދުން' އަށް ވިދާޅުވި ގޮތުގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާ ރަސްމީކޮށް އެ ޕްރީ ސްކޫލް ހުޅުއްވާދެއްވާފައިވަނީ ފުނަދޫ ސްކޫލުގެ ދިވެހި މުދައްރިސް އާދަމް ޝަރީފް އާއި، އެރަށުގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި ގިނަދުވަސްތަކެއް ވަންދެން ހަރަކާތްތެރިވި ޚަދީޖާ ހަސަން އަދި ށ. އަތޮޅު ތައުލީމީ މަރުކަޒު އެރަށުގައި ފެށިގެން ދިޔަ ދުވަސްވަރު އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅެއް ކަމަށްވާ އަބްދުލްހާދީ ޔޫސުފް އެވެ.
މީގެ އިތުރުން، އެ ޕްރީ ސްކޫލަކީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހަވާލުކުރެވިގެން ހިންގަމުންދާ އަދި އެ ކައުންސިލުން މޮނިޓަރ ކުރަމުންގެންދާ ސްކޫލެއްކަމަށް އަޙްމަދު ވިދާޅުވިއެވެ.
61 ދަރިވަރުންނާއި 3 ޓީޗަރުންނާއެކު ރަސްމީކޮށް އެ ސްކޫލުގައި މިއަދު ކިޔަވަން ފެށިފާވާއިރު، އެ ސްކޫލުގައި ކިޔަވައިދެނީ ބޭބީ ނާރސަރީ އަދި ނާސަރީ އަށްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
" މީގެ 2 އަހަރު ކުރިންވެސް ކައުންސިލުން ވާނީ ރަށުގަ ޕްރީ ސްކޫލް ހިންގާފަ. ދެން 2020 ވަނަ އަހަރު ކޮވިޑްގެ ހާލަތާއެކު ފެސިލިޓީތަށް އެޅުމަށް އެ ސްކޫލުގެ އިމާރާތް ނެގި ސްކޫލު ހިންގުން ވަނީ ހުއްޓާލާފަ " ފުނަދޫ ރައީސް އަހްމަދު ވިދާޅުވިއެވެ.
މިފަހަރު ޕްރީ ސްކޫލު ކިޔެވުނު ފެށިފާވަނީ ކައުންސިލްގެ އެކަމޮޑޭޝަންތަކައް ތައްޔާރު ކުރެވުނު އިމާރާތުގައި ވަކިން ޚާއްސަކޮށް ޕްރީ ސްކޫލަށް ތަނެއް ހެދުމަށްފަހު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!