ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ފުނަދޫގައި ހިންގި ހޭންޑްބޯލް ކޯޗިން ކޭމްޕް ނިންމާލައިފިއެވެ.

03 ޖުލައި 2021 އިން 16 ޖުލައި 2021 ގެ ނިޔަލަށް ޖުމްލަ ފަނަރަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި 31 ފަރާތަކުން ބައިވެރިވެ 24 ފަރާތަކުން ވަނީ ކޭމްޕް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލް ކޮށްފައެވެ.

Ad
rt

16 ޖުލައި 2021 ވީ ހުކުރު ދުވަހުގެ ރޭ ފުނަދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލުގައި ބޭއްވި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ކޭމްޕް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވާފައި ވަނީ ށ.އަތޮޅު ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތު އޮފިސަރ އަޙްމަދު ޒާހިދުއެވެ.

މި ކޭމްޕާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ދެއްވަމުން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވެފައި ވަނީ މި ކޭމްޕް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤުޞަދަކީ މި ކުޅިވަރަކީ މިހާރު ރަށުގެ ކަނބަލުންގެ މެދުގައި ކުރިއަރަމުން އަންނަ ކުޅިވަރަކަށްވެފައި މި ކުޅިވަރު އިތުރަށް ތަރައްޤީކޮށް ރަށުގެ ކަނބަލުން މެދުގައި މި ކުޅިވަރަށް އޮންނަ ލޯބި އިތުރު ކުރުން ކަމަށެވެ.

މި ކޭމްޕް ފުރިހަމަކަމާއި އެކު ކުރިއަށް ގެންގޮސް ނިންމާލެވުމުގައި ފުނަދޫ ކައުންސިލާއި، ކޭމްޕް ކުރިއަށް ގެންދިޔުމަށް ޓާފް ދަނޑު ހަމަޖައްސަވައި ދެއްވި ޒުވާނުންގެ މަރުކަޒާއި އަދި ކޭމްޕެ ބައިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ފަރުޒާނާ ވަނީ ވަރަށް ހާއްޞަ ޝުކުރެއް އަދާކޮށްފައެވެ.