މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް ބާއްވާ ކެމްޕޭން ޖަލްސާއެއް މިރޭ މާލޭގައި ހުންނަ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
މި ޖަލްސާ ފަށަން ހަމަޖައްސާފައި ވަނީ މިރޭ 21:00 ގައެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސައުދު "ތިލަދުން"އަށް ވިދާޅުވީ މި ޖަލްސާއަކީ ރާޝިދަށް ތާއީދު ހޯދައިދިނުމުގެ ގޮތުން ޖޭޕީން އިސްނަގައިގެން ބާއްވާ ޖަލްސާއެކެވެ. މިޖަލްސާގައި ޖޭޕީގެ އިތުރުން އެމްޑީޕީގެ އިސްބޭފުޅުންނާއި، ދެ ޕާޓީއަށް ނިސްބަތްވާ ސަރުކާރުގެ ބައެއް އިސްވެރިންނާއި، މަޖިލިސް މެންބަރުންގެ އިތުރުން ރާޝިދަށް ތާއީދުކުރާ ކޮމަންޑޫ ދާއިރާގެ ރަށްޔިތުން ވެސް ބައިވެރިވާނެ ކަމަށް ސައުދު ވިދާޅުވިއެވެ.
"މިއީ ޖޭޕީން އިސްނަގައިގެން، އެމްޑީޕީއާއި ގުޅިގެން ކޯލިޝަން ކެންޑިޑޭޓް ރާޝިދަށް ތާއީދު ހޯދަން ބާއްވާ ޖަލްސާއެއް، ރާޝިދަކީ ކޮމަންޑޫ ދާއިރާއަށް ވާދަކުރާ މި ސަރުކާރުގެ ކެންޑިޑޭޓް، ކޯލިޝަން ކެންޑިޑޭޓް، އޭނާ އިންތިޚާބުކުރުމަށް ޖޭޕީން ކޮށްދޭންޖެހޭ މަސައްކަތްތައް މި ޕާޓީގެ ލީޑަރު އިސްވެ ހުންނަވައި މިދަނީ ކުރަމުން، މިޖަލްސާގައި ކެންޑިޑޭޓް ރާޝިދު ވެސް ބައިވެރިވާނެ" ސައުދު ވިދާޅުވިއެވެ.
މި ޖަލްސާ ވީޓީވީންނާއި، ސަންގު ޓީވީން ލައިވް ކުރާނެ ކަމަށް ސައުދު ވިދާޅުވިއެވެ.
މީގެކުރިން ޖޭޕީގެ ލީޑަޝިޕުން ވަނީ ކުނޫޒްގައި ރާޝިދާއި ބައްދަލުކޮށް، ރާޝިދަށް ދެވިދާނެ އެއްބާރުލުންތައް ދެނެގަތުމަށް މަޝްވަރާވެސް ކޮށްފައެވެ.
ރާޝިދާއި ޖޭޕީގެ ނައިބު ރައީސް ސައުދު، އެއްބާރުލުން ބޭނުންވާ ކަންކަމާގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި
ރާޝިދަށް ތާއީދުކޮށް ބާއްވާ ކެމްޕޭން ޖަލްސާއެއް ބާއްވަން ޖޭޕީން ނިންމާފައިވާއިރު އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ރައީސް ޤާސިމް އިބްރާޙީމް ވަނީ ރާޝިދުގެ ކެމްޕެއިނަށް ކޮމަންޑޫ ދާއިރާއަށް ވަޑައިގެން ކެމްޕޭން ކޮށްދެއްވާފައެވެ. މައުލޫމާތު ލިބޭގޮތުގައި މިވަގުތުވެސް ޖޭޕީގެ ޓީމެއް ކޮމަންޑޫ ދާއިރާގައި އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!