ފާއިތުވި 2021 ވަނަ އަހަރު ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ގިނަ ހަރަކާތްތަކެއް ހިންގިފައި ނުވަނީ އެ ރަށުގައި ކޯވިޑްގެ ހާލަތު ގޯސްވެ މޮނީޓަރިންގެ ހާލަތުގައި ގިނަ ދުވަސްތަކެއް އޮންނަން ޖެހުމުން ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރުގެ ލަނޑުދަނޑުތައް ހާސިލް ކުރެވިފައިވާ މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަކޮށްފިއެވެ.

އެ ކޮމެޓީން ފާއިތުވި އަހަރު ހިންގުމަށް ގިނަ ހަރަކާތްތަކެއް ރާވާފައި ވީ ނަމަވެސް، އެ ހަރަކާތްތަކުގެ ތެރެއިން ޖުމްލަ ހަ ހަރަކާތެއް ކޯވިޑްގެ ސަބަބުން ހިންގިފައި ނުވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ ފަހަން ދަސްކޮށްދޭ ކޯހާއި، ކޭކު އަޅަން ދަސްކޮށްދޭ ކޯހާއި، ޖަމާއަތްތެރިކަން ދަސްކޮށްދޭ ކޯހާއި، ހޭންޑްބޯލް ޓްރެއިނިން ޕްރޮގްރާމާއި، ސްކޫލް ދަރިވަރުންނަށް ހިންގަން ހަމަޖެއްސި ހޭންޑްބޯލް މުބާރާތުގެ އިތުރުން ދެ ޖިންސްގެ ޒުވާނުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިޔުމަށް ރޭވި ކުޅިވަރު މުބާރާތެވެ.

Ad
rt

އެ ކޮމެޓީން ފާއިތުވި އަހަރުގެ ތެރޭގައި ކާމިޔާބު ކަމާއިއެކު ހިންގާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ރަށުތެރެ ސާފު ކުރުމުގެ ޕްރޮގްރާމް ހިންގުމުގެ އިތުރުން އެ ރަށު ކައުންސިލާއި ގުޅިގެން އެ ރަށް ފެހިކުރުމުގެ ގޮތުން ގަސް އިންދުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ކޮމެޓީން އިސްނަގައިގެން އެ ރަށު ކައުންސިލާއި އެ އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން ކަސްރަތު ޕްރޮގްރާމެއް ހިންގާފައިވެއެވެ. އެ ކޮމެޓީއާއި ރަށު ކައުންސިލާއި އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން މާމަ ކާފަ ދުވަސް ފާހަގަ ކުރުމުގެ އިތުރުން ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަނބަލުންގެ ފުޓްބޯޅަ މެޗެއް ވަނީ ކުޅެފައެވެ.